ބިދޭސީ މަސައްކަތްތެރިންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ސަރުކާރުން ހަމަޖައްސައިދިނުމަށް އެޗްއާރުސީއެމްއިން ގޮވާލައިފި އެވެ.

އެޗްއާރުސީމްއިން ކުރި ޓުވީޓެއްގައި ބުނީ ބިދޭސީންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ތަކެތި އެއްވެސް މީހަކަށް ތަފާތު ކުރުމެއްނެތި، ހޯދޭނެ ގޮތް ހަމަޖައްސައިދިނުމަށް އެޗްއާރުސީއެމްއިން ސަރުކާރަށް ގޮވާލާފައިވެ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި ބިދޭސީންނަށް ފުރައްސާރަކުރަމުންދާ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

ލޮކްޑައުން ކުރި ނަމަވެސް ޑެލިވަރީ ހިދުމަތްތަކަށް ބާރުބޮޑުވުމުން ތަކެތި ގަތުމަށްޓަކައި އާންމުން ފިހާރަތަކުގެ ކައިރީގައި ކިޔު ހަދަމުންދާއިރު، ބިދޭސީންނަށް ކިޔޫއިން ޖާގަ ނުދޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ބިދޭސީންނަށް ތަކެތި ވިއްކާނީ ދިވެހިންނަށް ވިއްކާފައި ބާކީވެއްޖެނަމަ ކަމަށް ވެސް ބައެއް ފިހާރަތަކުން ބުނަމުންދާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

އެއާއެކު ބިދޭސީންނަށް ކާބޯތަކެއްޗާއި ފެނާއި ސާފުތާހިރުވާން ބޭނުންކުރާ ތަކެތި ނުލިބޭކަމުގެ ޝަކުވާތަކެއް ވަނީ އުފުލިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ހާލަތެއްގައި އެންމެ ބޮޑު ނުރައްކަލެއް އޮތް އެއް ބަޔަކީ ބިދޭސީ މަސައްކަތްތެރިން ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.