17 Apr 2020, 17:20
ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ކޮވިޑް19 ރާއްޖޭގައި "ޕީކަށް" ދާނެ ކަމަށް ތައްޔާރުކޮށްފައިވާ މޮޑެލް އިން ދައްކާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑޮކްޓަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ކޮމިއުނިޓީ ކޭސްތަކެއް ފެނުމާއެކު މީގެ ކުރިން ރާއްޖެއަށް ހަދާފައިވާ މޮޑެލިން އަލުން ތައްޔާރުކޮށްފައިިވާ ކަމަށެވެ.
"އޭގެން ދައްކާ ގޮތުން ފުރަތަމަ ކޭސްއެއް އުޅޭތާ 14 ދުވަސް ތެރޭ ޕީކަށް ދާނެ ކަމަށް ބެލެވޭ،" ޑރ ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް ބޮޑަށް ސަމާލުވެ، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޕީކަށް ދާނެ މުއްދަތުގައި އާންމު ފަރުދުންގެ އެއްބާރުލުމުގެ އިތުރުން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ހަލުވި ކުރަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ، ވީ އެންމެ އަވަހަކަށް އެ މައުލޫމާތު އެޗްޕީއޭއަށް މައުލޫމާތު ހިއްސާކުރުމަށް ވެސް ޑރ. ނަޒްލާ އެދިވަޑައިގަތެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް މީހަކާ ބައްދަލުވެފައިވާ މީހެއްގެ ފަރާތުން އަލާމާތެއް ފެނުނަސް ނުފެނުނު ނަމަވެސް އެމީހުން ބައްޔަށް ޓެސްޓު ކުރަމުން އަންނަ ކަމަށާއި، ކޭސްތައް ގިނަވަމުން އަންނަނީ އެހެންވުމުގެ ސަބަބުން ކަމަށެވެ.
"ވަރަށް ހަލުވި ކަމާއެކު މަސައްކަތް ކުރަންޖެހޭނެ،" ޑރ. ވިދާޅުވިއެވެ.
މިހާތަނަށް މާލެއިން އަށް މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި، ކުރިން ފާހަގަވެފައިވާ ޕޮޒިޓިވް ކޭސް އަކާ އެއްވެސް ގުޅުމެއް ނެތް ދެމީހަކު ވެސް ހިމެނެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ގުޅުން ނެތް ކޭސްތައް ފެންނަމުން ދިޔަ ނަމަވެސް، އެމީހުންގެ ގަޔަށް ބަލި އެރި ގޮތް ހޯދުމަށް ކޭސް އިންވެސްޓިގޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެން ނަމަވެސް މާބޮޑަށް ފެތުރިއްޖެނަމަ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ނުގެންދެވި، އެކަން ހުއްޓާލަން ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
"އެހެން ގައުމުތަކުގައި ވެސް ވަރަށް ބޮޑަށް ފެތުރިއްޖެއްޔާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ނުގެންދެވިދާނެ. އެހެން ނަމަވެސް މިވަގުތަށް، މި ހާލަތުގައި އަދި މިގޮތަށް ކުރިއަށް ދާގޮތަށް އޮތީ،" ޑޮކްޓަރު ވިދާޅުވިއެވެ.
ސާދަ ދުވަހުގެ ތެރޭގައި ޕީކަށް ދާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މާލެއިން ބައްޔަށް ޕޮޒިޓިވް އަށް މީހަކު މިހާރު ވަނީ ފެނިފައެވެ. އަދި 14 ދުވަހަށް މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ.