17 Apr 2020, 16:50
މިއަދު މާލެއިން ފެނުނު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޕޭޝަންޓުންގެ ތެރޭގައި ހިމެނޭ ދެ މީހަކީ މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވެފައިވާ ޕޭޝަންޓަކާ ބައްދަލުވެފައި ނުވާ ދެ މީހުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގު ވިދާޅުވި މީގެ ކުރިން ޕޮޒިޓިވްވި އެހެން މީހަކާ ބައްދަލު ނުވެ ބައްޔަށް ޕޮޒިޓިވްވީ ޕޭޝަންޓް 27 އަދި ޕޭޝަންޓް 28 ކަމަށެވެ.
"މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން އެއް ކޭސްއަކީ، ކޭސް ނަމްބަރު 23އާ ގުޅުން ހުރި ކޭސްއެއް. އަނެއް ދެ ކޭސްއަކީ އެއްވެސް ކޭސްއަކާ މިވަގުތާ ހަމައަށް އިތުރު ގުޅުމެއް ހުރި ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ނުވާ ދެ ކޭސް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެ ދެ މީހުންނަކީ ރޯގާގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދިޔަ ދެ މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެ ދެ މީހުންގެ ގަޔަށް ބަލި އެރީ ކިހިނެއްތޯ ބަލަމުންދާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، މިވަގުތު މާލޭގައި ވައިރަސް ޖެހިފައިވާ މީޙުންގެ ތިން ކްލަސްޓާއެއް އެބަ އޮތް ކަމަށެވެ. އަދި މިހާރު މާލެ މިއޮތީ ކޮމިއުނިޓީ ސްޕްރެޑްއަކަށް ގޮސްފައި ކަމަށް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެނުނު ދެ ކޭސްއަކީ އަޅުގަނޑުމެންނަށް ކޭސްތަކުގެ ތެރޭގައި ގުޅުމެއް ނުފެންނަ ދެ ކޭސް. މީގެ މާނައަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ، ޕޭޝަންޓް 21 އަކީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އޭނާއަށް ބަލި ޖެހުނުކަން ކަށަވަރުވީ އަންގާރަ ދުވަހު އެވެ. ދެވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 22 އަކީ އޭނާގެ އެއް އަހަރުގެ ދަރިފުޅެވެ.
ތިންވަނަ މީހަކު ޕޮޒިޓިވްކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ އިއްޔެއެވެ. އެއީ، ޕޭޝަންޓް 23 އެވެ. ރޭ ދަންވަރު ޕޮޒިޓިވް ދެ މީހުންނަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެހިން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި މިިދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަސް މީހަކު ބައްޔަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަށަކަށް އަރައިފައެވެ.
މިހާރު ރާއްޖެއިން ޖުމްލަ 28 މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.