މާލެ ސިޓީން އަށް ވަނަ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

މިއީ މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 28 ވަނަ މީހާއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތަކުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށެވެ.

އަދި މިހާރު އެމީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދު އެކަނި ވެސް މާލެއިން މި ބައްޔަށް ފަސް މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މާލެ އިން ފުރަތަމަ ޕޮޒިޓިވްވި މީހާ، ޕޭޝަންޓް 21 އަކީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އޭނާއަށް ބަލި ޖެހުނުކަން ކަށަވަރުވީ އަންގާރަ ދުވަހު އެވެ. ދެވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 22 އަކީ އޭނާގެ އެއް އަހަރުގެ ދަރިފުޅެވެ.

ތިން ވަނަ މީހަކު ޕޮޒިޓިވްކަން އެޗްޕީއޭ އިން ހާމަ ކޮށްފައިވަނީ އިއްޔެ އެވެ. އެއީ، ޕޭޝަންޓް 23 އެވެ. ރޭ ދަންވަރު ޕޮޒިޓިވް ދެ މީހުންނަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެހިން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ސަން" އަށް ވިދާޅުވީ "ޕޭޝަންޓް23" ގެ ގައިން ވައިރަހުގެ އަލާމާތްތައް ފެންނަން ފެށީ "ޕޭޝަންޓް21" އަށް ވުރެ ކުރިން ކަމަށެވެ. އަދި މި ދެ މީހުންނަކީ ވެސް އެކަކު އަނެކަކާ ސީދާގޮތުން ބައްދަލުވި ދެ މީހުން ކަމުގައި ވީނަމަވެސް ދެ މީހުންގެ ގަޔަށް ވައިރަސް އެރީ ކިހިނެތްކަން އަދި ޔަގީން ނުވާ ކަމަށެވެ.

މާލެއިން ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިހާތަނަށް ގިނަ ސާމްޕަލްތަކެއް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެނެވެ. ޕޮޒިޓިވްވި މީހުން މިހާރު ތިބީ ފަރުކޮޅުފުށި އައިސޮލޭޝަންގަ އެވެ. އަދި އެ މީހުންނާ ކޮންޓެކްޓްވެެެގެން އަލާމާތްތައް ފެނުނު 14 މީހަކު ވަނީ ހުޅުލޭ އައިސޮލޭޝަން ފެސިލީޓީގައި އެކަހެރިކޮށްފަ އެވެ.

ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވެގެން 305 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އޭގެ ތެރެއިން ހައި ރިސްކު އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނޭ 157 މީހުން ވަނީ ކަރަންޓީން ފެސިލިޓީސްތަކުގައި އެކަހެރިކޮށްފަ އެވެ. ހައި ރިސްކް ކެޓަގަރީގައި 82 މީހަކު ހިމެނެއެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނެނީ، 71 މީހެވެ. އަދި ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ 89 މީހަކު ވަނީ، ގޭގައި އެކަހެރިކޮށްފަ އެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން، މިހާތަނަށް 22 ގެއެއް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.