18 Dec 2011, 15:54
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ފުޑް ކްލަބް ރެސްޓޯރަންޓުގެ ކުލީގެ މައްސަލަ ބޮޑުވެ ކޯޅުންތަކަކަށް ފަހު ސިޓީ ކައުންސިލުން އެ ރެސްޓޯރެންޓް ބީލަމަށް ލައިފި އެވެ. ސިޓީ ކައުންސިލުން ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.
މާލެ ސިޓީ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގާ ފުޑް ކޯޓުތަކުގެ ތެރެއިން މުއްދަތު ހަމަވެފައި ހުރި ތަންތަން އަލުން ބީލަމަށް ލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ކުލީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ، ފުޑް ކުލަބް ރެސްޓޯރެންޓް މިހާރު ބީލަމަށް ލާފައިވާ ކަމަށެވެ.
އަދި ދެ ރެސްޓޯރެންޓް އެއްކޮށްލައިގެން އާޓީފިޝަލް ބީޗްގައި ހިންގަމުން އަންނަ ޑައިންމޯގެ ރެސްޓޯރެންޓުގެ އެއްބައި ބީލަމަށް ލާފައިވާ ކަމަށާއި ނަމަވެސް މައްސަލައެއް އުޅޭތީ އެ އިއުލާން ކެންސަލްކޮށް އެ ތަން އަންނަ ހަފްތާގައި ބީލަމަށް ލާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި އަހަރެއްހާ ދުވަސް ވަންދެން ބޭނުން ނުކޮށް ހުރި "ތަންދޫރި" ހިންގިތަން ބީލަމަށް ލުމުން، އެތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"މުއްދަތު ހަމަވެފައި ހުރިތަންތަން މަޑުމަޑުން ބިޑަށް ލަމުން މިގެންދަނީ. މރ.ޗިކޯ (ފުޑް ކުލަބް) ވެސް ބިޑަށް ލައި މައުލޫމާތު ސާފް ކުރުމަށް ހުޅުވާލާފައި ވާނީ. އަދި ކުރީގެ ތަންދޫރި އިން ތަން ބިޑަށް ލާފައި ވަނީ،" ޝުޖާއު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން މުސްތަފާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މުސްތަފާގެ ހިއްސާ އޮންނަ ޔުނައިޓެޑް ފެމިލީ ޕްރޮޕަޓީސްގެ ފަރާތުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިންގާ ފުޑް ކްލަބް ރެސްޓޯރެންޓުގެ ކުލި ނުދައްކާ މައްސަލާގައި މި މަހުގެ ހަ ވަނަ ދުވަހު މުސްތަފާ ވަނީ ސިޓީ ކައުންސިލަށް ހާޒިރުކޮށްފަ އެވެ.
މުސްތަފާގެ ރެސްޓޯރަންޓުން މިހާތަނަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 6.5 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހެ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: