17 Apr 2020, 16:01
ވޫހާން (އޭޕްރިލް 17): ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާންއިން އެ ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ކުރިން ރިޕޯޓު ކުރި ވަރަށް ވުރެ 50 ޕަސެންޓު އިތުރު ކަމަށް އެސިޓީން ބުނެފި އެވެ.
ޗައިނާގެ ކޮވިޑް-19 އެޕިޑެމިކް ޕްރިވެންޝަން އެންޑް ކޮންޓްރޯލްގެ ވޫހާންގައި ހުންނަ ހެޑްކުއާޓާސްއިން ނެރުނު ބަޔާނުގައިވާ ގޮތުން ކޮރޯނާވައިރަހުގެ ސަބަބުން އެސިޓީން މަރުވީ 2،579 މީހުން ކަމަށް މީގެ ކުރިން ރިޕޯޓު ކުރި ނަމަވެސް އަސްލު މަރުވި މީހުންގެ އަަދަދަކީ 3،869 އެވެ. އެއާ އެކު ވައިރަހުގެ ސަބަބުން ޗައިނާއިން މަރުވި މީހުންގެ އަދަދު ވަނީ 3،342އިން 4،632އަށް އަރާފަ އެވެ.
ވޫހާންގެ އޮފިޝަލުންނާ ހަވާލާދީ ދައުލަތުގެ މީޑިއާގައިވާ ގޮތުން މަރުވި މީހުންގެ އަދަދު ރިޕޯޓު ކުރުމުގައި އެތަފާތު އައީ، ބައެއް ސިއްހީ އިދާރާތަކުން މަރުވި މީހުންގެ އަދަދު ހާމަ ކުރުން ލަސް ވުމާއި ބަލި ޖެހިގެން ގޭގައި މަރުވި މީހުންގެ އަދަދު މީގެ ކުރިން ހިމަނާފައި ނުވުމުންނެވެ. އަދި މިފަހަރު މަރުވި މީހުންގެ އަދަދު ބަލާފައި ވަނީ ވޫހާންގެ އެޕިޑެމިކް ޕްރިވެންޝަން އެންޑް ކޮންޓްރޯލް ހެޑްކުއާޓާސް އާއި ސިޓީގެ ޖަނާޒާ ހިދުމަތާއި މުނިސިޕަލް ހޮސްޕިޓަލް އޮތޯރިޓީ އާއި ވައިރަހުގެ ޓެސްޓުތަކަށް ބެލުމަށް ފަހުގަ އެވެ.
"ބައެއް ބަލި މީހުންނަށް ހޮސްޕިޓަލުން ފަރުވާ ނުހޯދެނީސް ގޭގައި މަރުވީ. ބަލި އެންމެ ބޮޑަށް ފެތުރުނު އިރު، ހޮސްޕިޓަލްތައް ބޮއްސުންލައި، ބަލި މީހުންނަށް ފަރުވާ ދިނުމާއި ސަލާމަތް ކުރުމުގައި މުވައްޒަފުން ބިޒީވުމުން، [މަރުވި މީހުން]ގެ އަދަދު ރިޕޯޓު ކުރުން ލަސްވެ، ބައެއް ކޭސްތައް ރިޕޯޓު ނުކުރެވި، އޮޅުންތައް އަރާފަ ހުރި،" ވޫހާންގެ އޮފިޝަލުން ބުންޏެވެ.
ވޫހާންގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދުވެސް މިހާރު ވަނީ 50،333އަށް އިތުރުކޮށްފަ އެވެ. އެއީ ކުރިން ރިޕޯޓު ކުރި ވަރަށް ވުރެ 325 ކޭސް އިތުރު އަދަދެކެވެ.
ޗައިނާއިން އެ އަދަދުތަކަށް ބަދަލު ގެނެސްފައި ވަނީ، އެގައުމުގައި ވައިރަސް ފެތުރުނު މިންވަރު ސަރުކާރުން ފޮރުވި ކަމުގެ ތުހުމަތު ބައެއް ގައުމުތަކުގެ ލީޑަރުން ކުރެއްވި ފަހުންނެވެ. އޭގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާއިން ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ރިޕޯޓު ކުރި މިންވަރަކީ ސައްހަ މިންވަރެއްތޯ ސުވާލު އުފައްދަވާ އެގައުމަށް އިތުބާރު ކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވައިރަހަށް ޕޮޒިޓިވްވުމުން ސަރުކާރުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވަނީ ޗައިނާއިން މިބަލިމަޑުކަމާ ގުޅިގެން ޖަވާބުދޭން ޖެހޭ ސުވާލުތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ޗައިނާގެ ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުގައިވާ އެޑިޓޯރިއަލްއެއްގައި އެގައުމުން ވަނީ ވޫހާންގެ އަދަދުތަކަށް ބަދަލު ގެނެސްފައި ވަނީ ހަގީގަތަށް ބިނާކޮށްފައި ކަމަށާއި އޭގެއިން ދޭހަވާނީ ގަސްތުގައި އެ އަދަދުތައް ފޮރުވަން ނޫޅޭކަން ކަމަށް ބުނެފަ އެވެ.
ޗައިނާގައި ވައިރަސް ފެތުރޭ މިންވަރު މިހާރު ވަނީ އަހަރުގެ ކުރީކޮޅާ ބަލާއިރު ވަރަށް ބޮޑަށް ކޮންޓްރޯލްވެފަ އެވެ. އަދި މިހާރު އެގައުމުގައި ގިނައިން ވައިރަސް ފެތުރެނީ ބޭރު ގައުމުތަކުންދާ މީހުންނާއި ބަލީގެ އަލާމާތްތައް ނުފެންނަ މީހުންގެ ފަރާތުންނެވެ.
ޗައިނާއިން ވަނީ ކޮރޯނާވައިރަސް ފެތުރުމުން ޖެނުއަރީ މަހުން ފެށިގެން އަޅަން ފެށި ހަރުކަށި ފިޔަވަޅުތަކަށް މިހާރު ލުއި ދޭން ފަށާފަ އެވެ. އެގޮތުން ވޫހާން ލޮކްޑައުންގައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން މިމަހުގެ އަށެއްގައި ވަނީ އެއްކޮށް ހުޅުވާލާފަ އެވެ.
ވޫހާންގެ ވަލު ޖަނަވާރު ވިއްކާ މާރުކޭޓަކުން ފުރަތަމަ ފެތުރުނު ކަމަށް ބެލެވޭ ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 185 ގައުމަކާއި ޓެރިޓަރީއަކަށް ވަނީ ފެތުރިފަ އެވެ. އަދި 2.1 މިލިއަނަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 145,705 މީހަކު ވަނީ މަރުވެފަ އެވެ.