17 Apr 2020, 16:01
ބައިބޯ މާލެ ސިޓީއަށް ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ބުރަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، މިދިޔަ ބުދަ ދުވަހު ވެރިރަށް މާލެއިން ވައިރަހުގެ ފުރަތަމަ ކޭސްއެއް ފެނުނެވެ. އެއާއެކު މުޅި ގައުމަށް ހާސްކަންވެރިވި އެވެ.
މާލެ ފަދަ ބައިބޯ ތަނަކަށް ވައިރަސް ވާސިލުވުމުން އެއްފަހަރާ އެތައް ބަޔަކަށް ބަލި ޖެހޭނެކަން އޮތީ އަންދާޒާކުރެވިފަ އެވެ. އަދި މިފަދަ ހާލަތެއްގައި ސަރުކާރުގެ ފިޔަވަޅަކަށް ވާނީ މުޅި ރަށް ހުއްޓުމަކަށް ގެނައުންކަންވެސް ގިނަ ބަޔަކަށް އެނގުނެވެ. ނަތީޖާއަކަށްވީ، އިސާހިތަކު ގިނަ ބަޔަކު އެއްފަހަރާ ފިހާރަތަކާ ދިމާލަށް ދުއްވައިގަތުމެވެ. އޭޓީއެމްތައް ދޮށުގައި ކިއުތައް ދަމާލި އެވެ. އަދި އެއްބަޔަކު މާލެއިން ބޭރަށް ފުރޭތޯވެސް އުޅުނެވެ.
މާލޭގައި ފުރަބަންދު އިއުލާނުކޮށް، ބުދަ ދުވަހު 3:30 އިން ފެށިގެން ގަޑިއިރުތަކަކަށް ރަށުތެރޭގެ ހުރިހާ ކަމެއް ހުއްޓުވާލުމާއެކު ހަމަހިމޭންކަން ވެރިވި އެވެ. ނަމަވެސް މާލޭގެ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގަ އެވެ. އެކި ހިދުމަތްތައް ހުއްޓާލުމުން ދެން ކަން ކުރާނެ ގޮތެއް ނޭނގި، އެންމެން ވެސް ހާސްވި އެވެ.
ނަމަވެސް އެ ރޭ، އަސާސީ ހިދުމަތްތައް މަޑުމަޑުން ފެށި އެވެ. ކައްކާ ގޭސް ޑެލިވާކޮށްދިނުމުގެ ހިދުމަތުންނެވެ. އަނެއް ދުވަހު ހެނދުނު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ކުނި އުކުމުގެ ހާއްސަ އިންތިޒާމެއް ހަމަޖައްސައި، މަސައްކަތަށް ނުކުތެވެ. އަދި އިސާހިތަކު ފެން ކުންފުނިތަކުން ޑެލިވަރީގެ ހިދުމަތް ފެށި އެވެ. އަދި ގޭގެއިން ޖަހާފައިވާ އޯޑަރުތައް ޑިސްޕެޗުކުރުމުގެ މަސައްކަތް ފިހާރަތަކުންވެސް ފެށި އެވެ.
މާލޭގައި ކޮރޯނާވައިރަސްގެ ލޯކަލް ޓްރާންސްމިޝަން ނޫނީ އެކަކު ގައިން އަނެކަކު ގަޔަށް ވައިރަސް ފެތުރިފައިވާކަން ކަށަވަރުވެފައިވާ އިރު މާލޭގެ ހާލަތު ވަނީ އެލާޓް ލެވެލް ރެޑްއަށް މަތިކޮށްފަ އެވެ.
މާލޭގެ ފުރަބަންދުގެ މުއްދަތު ދެ ހަފްތާއަށް އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް އޮތީ ކެތްތެރިކަން އިސްކުރުމެވެ. އަދި ހާސްވެ ކަންބޮޑުވުން މަދުކޮށް، އޯގާތެރިވެ އެކުވެރިކަން އިތުރުކުރުމެވެ. އަދި ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައި، ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމެވެ.
ވީޑިއޯ: އިބްރާހިމް މިސްބާހު، މުހައްމަދު ޝަފީއު
އެޑިޓިންގް: އިބްރާހިމް މިސްބާހު