17 Apr 2020, 14:16
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ތައްޔާރުވެއްޖެއެވެ.
ކޮވިޑް އާ ގުޅިގެން އެކުލަވާލާފައިވާ ނޭޝަނަލް އިމާޖެންސީ ރެސްޕޮންސް ސެންޓަރުން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން، ވީޑިއޯ ކޯލް މެދުވެރިކޮށް މިއަދު ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
އެގޮތުން އޮންލައިން ނޫސްވެރިންގެ ބައްދަލުވުމަށް ވާން ޖެހޭ ތައްޔާރީތައް މިއަދުގެ 14:00 ޖަހާއިރުން ފަށާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
މާލެއިން ވައިރަސް އަށް ޕޮޒިޓިވް ކޭސް ފެނުމާއެކު މާލެ ސިޓީ ސަރަހައްދު ވަނީ މިހާރު ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންކުުރުމަށް ނިންމާފައެވެ. އެއާއެކު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއީ ގައިދުރުކަމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުން އޮންލައިންކުރާ ފަދަ ވާހަކަތަކެއް ވަނީ މީގެކުރީން ދައްކާފައެވެ.
ވައިރަސް އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމުގެ ގޮތުން މީގެކުރީން އައީ ސިލްސިލާކޮށް ދެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުންނެވެ. އެއީ މެންދުރު 14:30 އާއި 21:00 ގައެވެ. ނަމަވެސް މާލެ ލޮކްޑައުން އަށް ގެނައުމާ ގުޅިގެން ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރުން އެކި މުއައްސަސާތަކާއި ވުޒާރާތަކުން ދަނީ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުންނެވެ.