ދިއްލީ (އޭޕްރިލް 17): ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް އެމެރިކާ އާއި އިންޑިއާއިން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވެއްޖެ އެވެ.

ޓެލެކޮންފަރެންސެއް މެދުވެރިކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮމްޕިއޯ ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިންޑިއާއިން ދަނީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ ވެކްސިނަކާއި ބަލި ޖެހުމުން ދެވޭނެ ފަރުވާއެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ޕޮމްޕިއޯ ވިދާޅުވި ގޮތުގައި އެ ދެ ގައުމުން ދަނީ ވެކްސިނެއް ހޯދުމުގެ މަސައްކަތުގެ އިތުރުން ދެ ގައުމަށްވެސް ބޭނުންވާ ވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) އާއި ހައިޑްރޯކްްލޮރޮކުއިން ބޭސް ހުރިކަން ޔަގީން ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އިންޑިއާ އާއި އެމެރިކާއިން ދަނީ އެހެން ދާއިރާތަކުންވެސް އެއްބާރުލުން ދެމުން ކަމަށާއި އެގޮތުން ދެ ގައުމުގެ ތަފާތު އުފެއްދުންތަކުގެ ސަޕްލައި ޗެއިންތަކަށް ބަލާ، ގައުމީ ސަލާމަތާ ގުޅުން ހުރި ދެގައުމުގެ ސަޕްލައި ޗެއިންތައް ގުޅުވާލަން ބޭނުންވާ ކަމަށް ޕޮމްޕިއޯ ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ހުންނަ މީހުންނަށް ފަރުވާ ދިނުމަށް ވަރަށް ރަނގަޅު ބޭހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިި މެލޭރިއާ ބޭސް ކަމަށްވާ ހައިޑްރޯކްލޮރޮކުއިން އެންމެ ގިނައިން އުފައްދަނީ އިންޑިއާއިންނެވެ. އަދި އިންޑިއާއިން އެ ބޭސް އެކްސްޕޯޓު ނުކުރަން މިމަހުގެ ކުރީކޮޅު ނިންމުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ބަދަލު ހިއްޕަވާނެ ކަމުގެ އިންޒާރު ދެއްވި އެވެ. އޭގެ ފަހުން އިންޑިއާއިން ވަނީ ބައެއް ގައުމުތަކަށް އެ ބޭސް އޭކްސްޕޯޓު ކުރަން ނިންމާފަ އެވެ.

އެމެރިކާއަކީ މިހާރު ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމެވެ. އެގައުމުގައި މިހާތަނަށް 671،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 33،000އަށް ވުރެ ގިނަ މީހަކު ވަނީ މަރުވެފަ އެވެ. އަދި އިންޑިއާގައި 13,495 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 448 މީހަކު ވަނީ މަރުވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ވައިރަސް ފެތުރުން މުޅިން ހުއްޓުވަން ވެކްސިނެއް ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި 70 ވެކްސިނެއް ސައިންސުވެރިން ދިރާސާ ކުރަމުންދާ ކަމަށާއި އޭގެ ތެރެއިން ތިން ވެކްސިނެއް އިންސާނުންނަށް ދީގެން ޓެސްޓު ކުރަމުންދާ ކަމަށް އެޖަމްއިއްޔާއިން ބުންޏެވެ.

ޑަބްލިޔުއެޗްއޯއިން ބުނާ ގޮތުގައި ކޮރޯނާވައިރަހަށް އުފައްދާ ވެކްސިނެއް ބޭނުން ކުރެވޭ ވަރުވާނީ އަދި 18 މަސް ފަހުންނެވެ.