މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން މާލެ ސަރަހައްދުގެ ޖަލުތަކަށް އަލަސް ގެންދާ ގައިދީން 14 ދުވަހު އެކަހެރި ކުރަން ނިންމައިފި އެވެ.

ކޮވިޑް-19 ވައިރަސްގެ ޕޮޒިޓިވް ކޭސްތައް މާލެއިން ފެނުން ވަނީ އިތުރުވެފަ އެވެ.

މިއަދު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މި ދަނޑިވަޅުގެ ގޮތުން މާލެ އާއި ހުޅުމާލޭ ހުންނަ ޖަލަށް ގައިދީއަކު ގެންދާ ކަމަށް ވާނަމަ އެމީހަކު 14 ދުވަހަށް އެކަހެރި ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަނީ މާލޭ ޖަލާއި ހުޅުމާލޭ ޖަލުގައި އެލާޓް ލެވެލް އެއް ހަދައި އެލާޓް ލެވެލް ރެޑް ކަމުގައި ވާނީ ކަނޑައަޅާފައި،" އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތު މާލެ ސަރަހައްދުގައި އޮތްނަމަވެސް ޖަލުތަކުގައި ތިބި ފަރާތްތަކުންގެ ހާލު ރަނގަޅު ކަމަށް އަހުމަދު މުހައްމަދުފުޅު ފާހަގަކުރެއްވިއެވެ.

ވައިރަސް އާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ވެސް ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ލޮކްޑައުންގެ ހާލަތަށް މާލެ ދިޔުމާ ގުޅިގެން ޖަލުތަކުގެ މުވައްޒަފުންގެ މޫވްމެންޓް ހުއްޓާފައިވާ ކަމަށެވެ. އެގޮތުން އެ މުވައްޒަފުންނަށް ޖަލުން އެކޮމޮޑޭޝަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.