ދޯނި ސާވިސް އިން ލ. އަތޮޅުގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ފެރީތައް ހަލާކުވެގެން ތ. އަތޮޅުން ލ. އަތޮޅަށް ގެންދިޔަ ކުޑަފެރީގެ ސަލާމަތީ ކަންތައްތައް ނެތް ކަމަށް ބުނެ ފޮނަދޫ ބަޔަކު ފެރީ ހިފަހައްޓައިފި އެވެ.

ލ. ފޮނަދޫން ވާހަކަ ދެއްކި މުހައްމަދު ނޫރައްދީން ބުނީ އެ އަތޮޅުގެ ފަސް ރަށަކުން މީހުން ގޮވައިގެން ފޮނަދު އަށް ދިޔަ ތ. އަތޮޅުގެ ކުޑަ ފެރީ ފުރިޔަނުދީ މިއަދު މެންދުރު ހިފެހެއްޓީ ފެރީގައި މާބަނޑު މީހުންނާއި ކުޑަ ކުދިން ތިބި އިރު ސަލާމަތީ ގޮތުން އެއްވެސް އެއްޗެއް ނެތުމުން ކަމަށެވެ. އޭނާ ބުނީ 100 ވަރަކަށް މީހުން ނުކުމެ ކުޑަ ފެރީ ހިފެހެއްޓި އިރު ލައިފްޖެކެޓް ފިޔަވައި އިތުރު އެއްވެސް އެއްޗެއް، 30 ފޫޓްގެ އެފެރީގައި ނެތް ކަމަށެވެ.

"ފެރީގައި ސަލަމާތީ ސެޓްފިކެޓެއް ނެތް. ފަޚާނާ ކުރަން ހުންނަނީ ވިހި ލީޓަރުގެ ކުލަ ހުސްކުރި ޓައްޕެއް ބަހައްޓާފައި ތުވާއްޔެއް ދަމާ ނިވާކޮށްފައި،" ނޫރައްދީން ބުންޏެވެ.

އޭނާ އަދި ބުނީ ފުލުހުން ގޮސް ފެރީގައި ލައިފްޖެކެޓް ހަމަތޯ ބެލުމަށް ފަހު ފެރީ މިއަދު ދޫކޮށްލަން ހަމަޖެހިފައިވާ ކަމަށެވެ.

ނޫރައްދީން ބުނީ ތ. އަތޮޅުން ކުޑަ ފެރީއެއް އެ އަތޮޅަށް ގެންގޮސް ފެރީގެ ޚިދުމަތް ފަށާފައި ވަނީ ފެރީގެ ނިޒާމު ހުއްޓުމަކަށް އައިސް އޮންނަތާ ހަތަރު ދުވަސް ފަހުން ކަމަށެވެ.

މިކަމާ ގުޅިގެން ލ. އަތޮޅުގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ދޯނި ސާވިސްއިން ބުނީ މަދު ބަޔަކު ނުކުމެ އެ ސާވިސްގެ ކުޑަފެރީ ހިފެހެއްޓީ ކީއްވެގެންކަން ނޭންގޭ ކަމަށެވެ. އަދި އެ ފެރީގައި ސަލާމަތީ ސެޓްފިކެޓާއި ސަލާމަތީ ކަންތައްތައް ބަރާބަރަށް ހުންނާނެ ކަމަށް ވެސް ދޯނި ސާވިސް އިން ބުނެ އެވެ.

ދޯނި ސާވިސްއިން ބުނީ އެ ފެރީއަކީ 53 މީހުންގެ ޖާގައިގެ ފެރީ އެއްކަމަށާއި ފެރީގައި މީހުންގެ ޒަރޫރީ ބޭނުންތަކަށް އެކަށޭނަ ފާޚާނާ އެއް ވެސް ހުންނާނެ ކަމަށެވެ. އަދި ފެރީ ހިފެހެއްޓި މީހުން ފުލުހުން އެ ސަރަހައްދަށް ދިއުމުން ފެރީ ދޫކޮށްލާފައި ދިޔަ ކަމަށް ވެސް ދޯނި ސާވިސްއިން ބުންޏެވެ.