ކޮރޯނާވައިރަސް ޖެހިފައިވާ އިތުރު މީހަކު އަނެއްކާ ވެސް މާލެއިން ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

މިއީ މާލެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ ހަތް ވަނަ މީހާ އެވެ. ރޭ ދަންވަރު ވެސް އެޗްޕީއޭއިން ވަނީ ދެ މީހަކު މާލެއިން ޕޮޒިޓިވްވިކަން ހާމަކޮށްފަ އެވެ. އަދި މިއަދު ހެނދު ވެސް އެޗްޕީއޭއިން ވަނީ މީހަކު ޕޮޒިޓިވްވިކަން ހާމަކޮށްފަ އެވެ.

އެޗްޕީއޭއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނި ގޮތުގައި ކޮރޯނާވައިރަސް ޖެހިފައިވާ ހަތް ވަނަ މީހަކު ވަނީ މިއަދުގެ ވަގުތެއްގައި މާލެއިން ފެނިފަ އެވެ. އެހެން ނަމަވެސް، މިފަހަރު ބަލި ޖެހުނު މީހާ އަކީ، މީގެ ކުރިން ޕޮޒިޓިވްވި މީހަކާ ދިމާވި މީހެއްކަން އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެ އެވެ.

މާލެ އިން ފުރަތަމަ ޕޮޒިޓިވްވި މީހާ، ޕޭޝަންޓް 21 އަކީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އޭނާއަށް ބަލި ޖެހުނުކަން ކަށަވަރުވީ އަންގާރަ ދުވަހު އެވެ. ދެވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 22 އަކީ އޭނާގެ އެއް އަހަރުގެ ދަރިފުޅެވެ.

ތިން ވަނަ މީހަކު ޕޮޒިޓިވްކަން އެޗްޕީއޭ އިން ހާމަ ކޮށްފައިވަނީ އިއްޔެ އެވެ. އެއީ، ޕޭޝަންޓް 23 އެވެ. ރޭ ދަންވަރު ޕޮޒިޓިވް ދެ މީހުންނަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެހިން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ސަން" އަށް ވިދާޅުވީ "ޕޭޝަންޓް23" ގެ ގައިން ވައިރަހުގެ އަލާމާތްތައް ފެންނަން ފެށީ "ޕޭޝަންޓް21" އަށް ވުރެ ކުރިން ކަމަށެވެ. އަދި މި ދެ މީހުންނަކީ ވެސް އެކަކު އަނެކަކާ ސީދާގޮތުން ބައްދަލުވި ދެ މީހުން ކަމުގައި ވީނަމަވެސް ދެ މީހުންގެ ގަޔަށް ވައިރަސް އެރީ ކިހިނެތްކަން އަދި ޔަގީން ނުވާ ކަމަށެވެ.

މާލެއިން ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިހާތަނަށް ގިނަ ސާމްޕަލްތަކެއް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެނެވެ. ޕޮޒިޓިވްވި މީހުން މިހާރު ތިބީ ފަރުކޮޅުފުށި އައިސޮލޭޝަންގަ އެވެ. އަދި އެ މީހުންނާ ކޮންޓެކްޓްވެެެގެން އަލާމާތްތައް ފެނުނު 14 މީހަކު ވަނީ ހުޅުލޭ އައިސޮލޭޝަން ފެސިލީޓީގައި އެކަހެރިކޮށްފަ އެވެ.

ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވެގެން 305 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އޭގެ ތެރެއިން ހައި ރިސްކު އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނޭ 157 މީހުން ވަނީ ކަރަންޓީން ފެސިލިޓީސްތަކުގައި އެކަހެރިކޮށްފަ އެވެ. ހައި ރިސްކް ކެޓަގަރީގައި 82 މީހަކު ހިމެނެއެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނެނީ، 71 މީހެވެ. އަދި ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ 89 މީހަކު ވަނީ، ގޭގައި އެކަހެރިކޮށްފަ އެވެ.