ގުދުސް (އޭޕްރިލް 17): ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން އަންނަ ރޯދަމަހު އަލް އަގްސާ މިސްކިތް ބަންދުކޮށްފައި ބަހައްޓަން ކަމާ ބެހޭ މަޖިލީހުން ނިންމައިފި އެވެ.

އަލް އަގްސާ މިސްކިތާ ގުޅުން ހުރި ކަންތައްތައް ބަލަހައްތާ އިސްލާމިކް ވަގްފުން ބުނި ގޮތުގައި މިދިޔަ މަހުގެ 23ގައި ބަންދު ކުރި މިސްކިތް ރޯދަމަހުވެސް ބަންދުކޮށްފައި ބަހައްޓަން ނިންމީ ދީނީ ފަތުވާ އާއި ސިއްހީ ލަފަޔަށް ބިނާކޮށެވެ. އަދި އެންމެންގެ ރައްކާތެރިކަމަށްޓަކައި ރޯދަމަހު މުސްލިމުން ގޭގައި ތިބެގެން ނަމާދު ކުރުމަށް އެމަޖިލީހުން ނެރުނު ބަޔާނުގައި ވަނީ އެދިފަ އެވެ.

އަގްސާ މިސްކިތް ބަންދުކޮށްފައި ހުރި ނަމަވެސް މިސްކިތުން ކޮންމެ ދުވަހަކުވެސް ބަންގި ގޮވާނެ ކަމަށާއި މިސްކިތުގައި މަސައްކަތް ކުރާ މީހުންނަށްވެސް އެތަނަށް ވަދެވޭނެ ކަމަށް އިސްލާމިކް ވަގްފުން ބުންޏެެވެ.

އަގްސާ މިސްކިތް ހުންނަ ގުދުސްގައި މިހާތަނަށް 2،418 މީހަކު ވަނީ ކޮރޮނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.