17 Apr 2020, 14:58
އެންމެން ގޭގައި ތިބެ ކައިގެން ފަލަވަނީ އެވެ. ކުރާނެ ކަމެއްނެތި ފޫހިވުމުން ކެއްކެނީ އެވެ. ފޫހިފިލުވަން ކެވެނީ އެވެ. ބައެއް މީހުންނަށް ގޭގައިތިބެގެން ކުރަން އޮތް ހަމައެކަނި ކަމަކީ ކެއްކުމާއި ކެއުމެވެ. އެކަމަކު ވިސްނާލާށެވެ؛ މީހާ އަށް މިއަންނަ ލޮޑުކަމާއި ހެލިފެލިވެ އުޅެން މިވާ އުނދަގޫތަކާއި، ބަރުދަނަށް މިއަންނަ ބުރަ ކަމަކީ ތިޔަ ކާހާ ތަކެތީގެ އަސަރު ކަމަށްވެދާނެ އެވެ.
ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް މިވަނީ މި ދުވަސްކޮޅަށް ލުއިކޮށް ކެއުމަށް ހާއްސަ މީލް ޕްލޭނެއް ތައްޔާރުކޮށް ޓްވިޓާ މެދުވެރިކޮށް ހިއްސާކޮށްދީފަ އެވެ.
މި މީލް ޕްލޭން ހިއްސާ ކުރައްވަމުން ޓްވިޓާގައި އާސިޔާ ވިދާޅުވެފައިވަނީ މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމް ރަނގަޅުކުރުމަށް ބޭނުންވާ މާއްދާތައް ހިމެނޭނެ ކާބޯތަކެތި ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށެވެ. އެހެންނަމަވެސް ކާނެ މިންވަރު ކަނޑައެޅުމުގައި އެމީހެއްގެ ބަރުދަނާއި އިސްކޮޅު އަދި އެހެން ބައްޔަކަށް ބޭސްކުރާނަމަ އެ މައުލޫމާތު ބޭނުންވާނެ ކަމަށެވެ.
ހަމައެޔާއެކު، ރޯދަމަސް ގާތްވެފައިވުމުން އޭނާ މި މީލް ޕްލޭންގައި ދުވާލުގެ ކެއުންތައް މަދުކޮށް ރޭގަނޑުގެ ކެއުންތައް ވަނީ އިތުރުކޮށްފަ އެވެ. މިއީ ރޯދަ އަށް ހުރުމަށް ހަށިގަނޑު ހޭނެވުމަށްޓަކައި ކުރެވިދާނެ މުހިންމު ކަމެކެވެ.
ހެނދުނުގެ ކެއުން ވީހާވެސް އަވަސްކުރޭ
މީލް ޕްލޭން ޖުމްލަ 5 ކެއުމަށް ބަހާލާފައިވާއިރު ދުވަހުގެ އެންމެ ފުރަތަމަ ކެއުން މި ނަގަންޖެހޭ ވަގުތެއް ކަމަށް އާސިޔާ ވިދާޅުވެފައިވަނީ ފަތިހު 4 ކާއި ހެނދުނު 7 ދެމެދުގައެވެ. މިގަޑީގައި ކާންވީ ތަކެތީގެ ތެރޭގައި ހިމަނާފައިވަނީ އާޓާ ރޮށްޓާއި، ބަރަބޯ ހިކިރިހަ އަދި 1 ތަށި ހަކުރު ނާޅާ ކިރު ނުވަތަ ބޭނުންނަމަ ކޮފީ ނުވަތަ ސަޔެވެ. މި ކެއުމުން ހަށިގަނޑަށް ޕްރޮޓީން ވިޓަމިން އޭ ވިޓަމިން ސީއަދި އީ އާއި ޒިންކް ލިބޭނެއެވެ.
މެންދުރުގެ ކެއުން ވަރަށް ލުއި ގޮތަކަށް
ދުވަހުގެ ދެވަނަ ކެއުން އާށިޔާ ތާވަލްކޮށްފައިވަނީ މެންދުރު 11 އާއި 1 އާއި ދޭތެރޭގައެވެ. މިގަޑީގައި އާސިޔާ ހިމަނާފައިވަނީ އަހަރެމެންގެ ތެރޭގައި ފަސޭހައިން ލިބެން ހުރި އަދި އެހާމެ މީރު ފަޅޮލެވެ. ފަޅޯ އިން ވިޓަމިން އޭ އަދި ވިޓަމިން ސީ ލިބިދެއެވެ.
އެއަށްފަހު އަސްރު ނަމާދުން ފޭބުމަށްފަހު އަނެއްކާވެސް 1 ތަށި ހަކުރު ނާޅާ ކިރު، ސައި ނުވަތަ ކޮފީ ބޯލެވިދާނެއެވެ.
އިރުއޮއްސުމުން ލަސްނުކޮށް ރޭގަނޑުގެ ކެއުން
އިރުއޮއްސޭ ވަގުތަކީ ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެމެން ރޯދަ ވީޢްލާނެ ވަގުތެވެ. އާސިޔާގެ މީލް ޕްލޭންގައި މި ގަޑީގެ ކެއުން ވަރަށް ހާޢްސައެވެ. މި ގަޑީގައި އޭނާ ހިމަނާފައިވަނީ ރަތް ނުވަތަ މުށި ހަނޑުލުގެ ބަތެވެ. އެއާއިއެކު ކާށިކިރު ނާޅާ ހުތް މޭވާއަކާއި އެކު އަހަރެމެން އާންމުކޮށް މި ކައްކާގޮތަށް މުގުރިހައެވެ. އަދި ފިހުނު މަހާއި ރޯ މުރަނގަފަތްވެސް މިގަޑީގެ ކެއުމުގައި ބޭނުންކޮށްލާށެވެ. މި ބާވަތްތަކުން ހަށިގަނޑުން ޕްރޮޓީން. ވިޓަމިން ސީ އާއި އީ، އަދި ޒިންކް ލިބިދޭނެއެވެ.
އެންމެ ފަހުގެ ކެއުން ރޭގަނޑު 10 އެއްގެ ކުރިން
ދުވަހުގެ އެންމެ ފަހު މީލްއެއްގެ ގޮތުގައި އާސިޔާ ހިމަނާފައިވަނީ ރޭގަނޑު 9-10 އަކާއި ދެމެދު އާޓާ ޕާނުގެ ސޭންޑްވިޗްއެކެވެ. މި ސޭންޑްވިޗްގައި ކަނޑުމަހާއި ބިސް ބޭނުންކުރެވިދާނެއެވެ. އަދި މެޔޮނައިޒްގެ ބަދަލުގައި ކްރީމް ޗީޒް އާއި ލުނބޯ ހުތާއި ބައިވަރު ފެނުކެއްކި ތަރުކާރީވެސް ބޭނުންކުރެވިދާނެއެވެ. ޕްރޮޓީންއާއި ވިޓަމިން އޭ، ސީ އަދި ޒިންކް ލިބިދޭ މި ކެއުމާއި އެކު ބުއިމަކަށް އޭނާ ހިމަނާފައިވަނީ ފެނެވެ.
އާސިޔާގެ މި މީލް ޕްލޭންގައި ބޮޑަށް ހިމަނުއްވާފައިވަނީ ދިވެހިން އާންމުކޮށް ކެއުމުގައި ބޭނުންކުރާ ރަހަތަކެވެ.
މި މީލް ޕްލޭންއާއި ގުޅޭގޮތުން 'ސަން' އާއި ވާހަކަދައްކަމުން އާސިޔާ ވިދާޅުވީ މިއީ އާންމުކޮށް ބޮޑެތި މީހުންނަށް މީހުންނަށް ހާއްސަ މީލް ޕްލޭނެއް ކަމަށެވެ.
އެހެން ނަމަވެސް ޑައިބެޓިކް މީހުންނާއި ކޮލެސްޓްރޯލް މަތީ މީހުންގެ އިތުރުން ޔޫރިކް އެސިޑް މައްޗަށްދާ މީހުންނާއި އޭގެ ސަބަބުން ކިޑްނީ މައްސަލަތައް ހުންނަ ފަރާތްތައް މި ޕްލޭން ފޮލޯކުރުމުގެ ބަދަލުގައި ޑައިޓީޝަންއަކާއި ވާހަކަދައްކާލުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ އާސިޔާވެސް ފޮލޯކުރައްވާ ޕްލޭނެއްތޯ ސުވާލުކޮށްލުމުން އޭނާ ވިދާޅުވީ އާންމުކޮށްވެސް އޭނާގެ ކެއުން ފަރުމާކުރެވިފައި ވަނީ މިކަހަލަ އުސޫލަކުން ކަމަށެވެ. މި މީލް ޕްލޭންގައި ހިމެނިފައިވާ ބައެއް ތަކެތި ކަމުނުދާ ފަރާތްތަކަށް ބޭނުންކުރެވިދާނެ ބައެއް އެހެން ތަކެތިވެސް އޭނާ ހިއްސާކުރެއްވި އެވެ.
"މުގުރިހަ ކަމުނުދާ ފަރާތްތަކަށް އެ މުގު އާއިލާގެ އެހެން ބާވަތެއް މިސާލަކަށް ޗިކް ޕީސް، ބީންސް ބޭނުންކުރެވިދާނެ. ނޫނީ ބިސްރިހަައާއި މަސްރިހަވެސް ބޭނުންކުރެވިދާނެ." އާސިޔާ ވިދާޅުވި އެވެ.
މީގެއިތުރުން މުޅި މީލްޕްލޭންގައި ވެސް އޭނާ ބޭނުންކޮށްފައިވަނީ ވިޓަމިނާއި މުއްސަނދި ސަންފްލާވާ ތެލެވެ.
މި ދުވަސްކޮޅާއި ދިމާކޮށް އާސިޔާ ގެންދަވަނީ، އޮންލައިންކޮށް ކޮންސަލްޓޭޝަން ނަގައިދެމުންނެވެ. އަދި ކެއުންބުއިމާއި ގުޅޭ އެކިއެކި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށްޓަކައި އެކަމަށް ހާއްސަ ވައިބާ އޮންލައިން ކޮމިއުނިޓީއެއްވެސް އޭނާ ހިންގަމުން އާދެ އެވެ.