17 Apr 2020, 11:56
މާލެއިން ހަވަނަ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިތިވްވި 26 ވަނަ ޕޭޝަންޓެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނި ގޮތުގައި، ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މި މީހާއަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި މީހެކެވެ. އަދި އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިވަގުތު ކުރަމުންދާކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ރޭ ދަންވަރުވެސް ވަނީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ މީހަކު (ޕޭޝަންޓް 24 އަދި ޕޭޝަންޓް 25) ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. މި ދެ މީހުން ޓެސްޓުކުރި އިރު ތިބީ ކަރަންޓީނުގައެވެ. އަދި ޕޮޒިޓިވްވުމާއެކު ދެ މީހުންވެސް ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ.
މާލެ އިން ފުރަތަމަ ޕޮޒިޓިވްވި މީހާއަކީ (ޕޭޝަންޓް 21) މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. ދެވަނައަށް ޕޮޒިޓިވްވީ (ޕޭޝަންޓް 22) އޭނާގެ ތުއްތު ދަރިފުޅެވެ.
ޕޭޝަންޓް 23 އަކީ މާލެއިން ތިންވަނައަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއެވެ. އޭނާއަށް އެ ބަލި ޖެހިފައިވާކަން ހާމަވީ، މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ޕޭޝަންޓް 21އާ ޑައިރެކްޓް ކޮންޓެކްޓެއް ހިނގާފައި ވުމުން ޓެސްޓުކުރުމުންނެވެ.
ޕޭޝަންޓް 21 އަށް ވައިރަސް ވާސިލްވީ ފަރާތް ނުވަތަ "ޕޭޝަންޓް ޒީރޯ" އަދިވެސް ހޯދިފައިވާ ކަން ކަށަވަރެއް ނުވެއެވެ.
މާލެއިން ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިހާތަނަށް ގިނަ ސާމްޕަލްތަކެއް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެނެވެ. ޕޮޒިޓިވްވި މީހުން މިހާރު ތިބީ ފަރުކޮޅުފުށި އައިސޮލޭޝަންގައެވެ. އަދި އެ މީހުންނާ ކޮންޓެކްޓްވެެެގެން އަލާމާތްތައް ފެނުނު 14 މީހަކު ރޭ ވަނީ ހުޅުލޭ އައިސޮލޭޝަން ފެސިލީޓީގައި އައިސޮލޭޓްކޮށްފައެވެ.
މި ކޭސްތަކާ ގުޅިގެން 305 މީހަކު ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވެގެން ވަނީ އެކަހެރިކޮށްފައެވެ. އޭގެ ތެރެއިން ހައި ރިސްކު އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނޭ 157 މީހުން ވަނީ ކަރަންޓީން ފެސިލިޓީސްތަކުގައި އެކަހެރިކޮށްފައެވެ. ހައި ރިސްކް ކެޓަގަރީގައި 82 މީހަކު ހިމެނެއެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނެނީ، 71 މީހެވެ. އަދި ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ 89 މީހަކު ވަނީ، ގޭގައި އެކަހެރިކޮށްފައެވެ.