މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މަގުމަތިވެފައި ތިބި މީހުންނަށް އެހީތެރިވުމަށް ކުރަމުންް އަންނަ މަސައްކަތުގެ ދަށުން، ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 15 މީހަކު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފައްޒަ ޝާކިރު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ މަގުމަތިވެފައި ތިބި މީހުންގެ ކަންކަން ބެލެހެއްޓުމަށް އިމާދުއްދީން ސްކޫލާއި، ގަލޮޅު ދަނޑުގައި އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން މަގުމަތިވެފައި ތިބި 54 މީހަކު ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި، އެމީހުންގެ ނިދުމާއި، ފެންވަރާ ފާހާނާ ކުރުމާއި ކެއިންބުއިމުގެ އިންތިޒާމު އެތަންތަނުގައި ހަމަޖައްސާފައިވާ ކަމަށް ފައްޒަ ވިދާޅުވިއެވެ.

އަދި މިހާތަނަށް އޭގެ ތެރެއިން 15 މީހަކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. މިހާރު ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރޭގައ، އެއްވެސް ބޯހިޔާވަހިކަމެއް ނެތް، އަދި ކުލި ދައްކައިގެން ތަނެއްގައި ހުރެވޭނެ ގޮތެއް ނެތް 17 މީހަކު ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޒަ ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާތަނަށް މަގުމަތިވެފައި ތިބި 100 އެއްހާ މީހުންނަށް ކާބޯތަކެތި ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މަގުމަތިވެގެން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންްގެ ތެރޭގައި ދިވެހީންނާއި ބިދޭސީން ވެސް ހިމެނެއެވެ.

އެމީހުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އިންތިޒާމް ކުރަނީ ދަރުބާރުގޭގައި ހަރަކާތްތެރިވާ ޑޮކްޓަރުންްގެ ޓީމާ ގުޅިގެންނެވެ.

ޖެންޑާ އިން ބުނީ މިހާރު އިމާދުއްދީން ސްކޫލުގައި އެމީހުންނަށް ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދެމުން އައި ނަަމަވެސް، ލޮކްޑައުން ދިގުދެމިގެންދާނަމަ އެހެން ފެސިލިޓީއަކަށް އެމީހުން ބަދަލުކުރާނެ ކަމަށެވެ.