17 Apr 2020, 12:19
އަބަދުވެސް މަސައްކަތުގައިި އުޅޭ މީހުންނަށް ކުއްލިއަކަށް ގޭގައި ތިބެންޖެހުން އުނދަގޫވެ ނުތަނަވަސްކަން ވެރިވުމަކީ އެކަށީގެންވާ ކަމެއް ކަަމަށާއި، އެހެންކަމުން ހެލިފެލިވެ އުޅުމަށް ގޭގައި ކުރެވޭ ކަހަލަ ކަސްރަތުތައް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިލްތިމާސް ކުރައްވައިފިއެވެ.
ޕީޖީ ޝަމީމްއަކީ ދުވުމާއި ފެތުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ޕީޖީ ޝަމީމް ވިދާޅުވީ މިހާރު މީހުންނާ އެކުގައި ދުވަން ވަޑައިނުގަންނަވާތާ މަސް ދުވަސް ވެފައިވާ ކަމަށާއި، އަދި މަގުމައްޗަށް އެކަނިވެސް ދުވަން ނުކުމެވަޑައިނުގަންނަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
ޕީޖީ ވިދާޅުވީ މާލެއިން ކޮވިޑް19 ފެނި، ގައުމު މިހާރު ގޮސްފައިވާ ހާލަތަކީ އެއްގޮތަކަށް ވެސް މަގުމައްޗަށް ނުކުމެ، އުޅެންވާނެ ހާލަތެއް ނޫން ކަމަށެވެ.
"މިހާރު މަގުމައްޗަށް ނުކުމެ އެގޮތަށް ގޮސްގެން ތިމާ މީހާއާއި ތިމާގެ ގާތް މީހުން ރިސްކަކަށް ފޮނުވާލުމުގެ އެއްވެސް މަސްލަހަތެއް އޮތް ކަމަކަށް ނުފެނޭ. އެހެންވީމަ ގޭގަ ތިއްބަވައިގެން ކުރެވޭ ކަސްރަތު ކުރައްވާށޭ އަޅުގަނޑުގެ ނަސޭހަތަކީ،" ޕީޖީ ވިދާޅުވިއެވެ.
ގޭގައި ތިބޭއިރު ހެލިފެލިވެ އުޅުމުގެ މުހިންމުކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ ޔޫޓިއުބާއި، ޗެނަލްތަކުންވެސް ގޭގައި ކުރެވޭނެ ކަސްރަތުތައް ފެންނާނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ކުރާނެ ކަންތައްތަކެއް ރާވާލައި ތާވަލެއް ހަދައިގެން، އެ ތާވަލަށް އަމަލުކުރުމަކީވެސް ރަނގަޅު ކަމެއް ކަމަށް ޕީޖީ ވިދާޅުވިއެވެ.
މާލޭގައި ކޮވިޑް19 ފެތުރެމުން އަންނާތީ، ބުދަ ދުވަހުގެ 15:30 އިން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި މާލެ ސަރަހައްދުގެ މަގުތަކަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ.
އަދި މިއަދު އިރުއޮއްސި 18:00 އިން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދިއުން ވެސް މަނާވާނެއެވެ.