17 Apr 2020, 03:00
ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މި ދެ ކޭހާއެކު މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މާލެ އިން ކޮރޯނާވައިރަހަށް އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.
މިރޭ ޕޮޒިޓިވްވި ދެމީހުންނަކީ، ރޭ ވައިރަހަށް ޕޮޒިޓިވްވި ޕޭޝަންޓް23އާ ސީދާ ބައްދަލުވި ނުވަތަ ޑައިރެކްޓް ކޮންޓެކްޓްވި ދެމީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭ އިން ބުނީ، ކަރަންޓީން ފެސިލިޓީސްގައި ތިބި އެ ދެމީހުން މިހާރު އައިސޮލޭޝަން ފެސިލީޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މާލެއިން އިއްޔެ ތިން ކޭސް ފެނުމާ ގުޅިިގެން އެޗްޕީއޭ އިން ވަނީ ރައްކާތެރިވުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އިއްޔެ އިން ފެށިގެން މާލެއަށް އަރާފޭބުން ވަނީ މަނާކޮށްފައެވެ. އެ މުއްދަތު މިހާރު ވަނީ މާދަމާ މެންދުރުފަހު 3:30 އަށް އިތުރުކޮށްފައެވެ. އަދި ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މާދަމާ ހަވީރު 6:00 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ރަށްރަށުގައި އެއްވެސް ބާވަތެއްގެ އެއްވުންތައް ބޭއްވުންވެސް ވަނީ މަނަކޮށްފައެވެ.
މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި "ޕޭޝަންޓް21" އަކީ، މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. ދެވަނަ އަށް ޕޮޒިޓިވްވީ އޭނާގެ ތުއްތު ދަރިފުޅެވެ. އެއީ "ޕޭޝަންޓް22 އެވެ. ދެން ޕޮޒިޓިވްވި މީހާ އަކީ ވެސް "ޕޭޝަންޓް21" އާ ބައްދަލުވި މީހެކެވެ. އެއީ "ޕޭޝަންޓް23" އެވެ. ޕޭޝަންޓް 21އަށް ވައިރަސް ވާސިލްވީ ފަރާތް ނުވަތަ ޕޭޝަންޓް ޒީރޯ އަދިވެސް ނުހޯދެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ސަން" އަށް ވިދާޅުވީ "ޕޭޝަންޓް23" ގެ ގައިން ވައިރަހުގެ އަލާމާތްތައް ފެންނަން ފެށީ "ޕޭޝަންޓް21" އަށް ވުރެ ކުރިން ކަމަށެވެ. އަދި މި ދެ މީހުންނަކީ ވެސް އެކަކު އަނެކަކާ ސީދާގޮތުން ބައްދަލުވި ދެ މީހުން ކަމުގައި ވީނަމަވެސް ދެ މީހުންގެ ގަޔަށް ވައިރަސް އެރީ ކިހިނެތްކަން އަދި ޔަގީން ނުވާ ކަމަށެވެ.
އެގޮތުން "ޕޭޝަންޓް23" ގެ ގައިން ވައިރަހުގެ އަލާމާތްތައް ފެންނަން ފެށީ މި މަހުގެ 8 ވަނަ ދުވަހު ކަމަށާއި "ޕޭޝަންޓް21" ގެ ގައިން ވައިރަހުގެ އަލާމާތްތައް ފެންނަން ފެށީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެ ތިން ކޭސްއާ ގުޅިގެން މިހާތަނަށް ގިނަ ސާމްޕަލްތަކެއް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެނެވެ. ޕޮސިޓިވްވި ތިން މީހުން މިހާރު ތިބީ ފަރުކޮޅުފުށި އައިސޮލޭޝަންގަ އެވެ. އަދި އެ މީހުންނާ ކޮންޓެކްޓް ވެެެގެން އަލާމާތްތައް ފެނުނު 14 މީހަކު ރޭ ވަނީ ހުޅުލޭ އައިސޮލޭޝަން ފެސިލީޓީގައި އައިސޮލޭޓްކޮށްފައެވެ. އެމީހުންގެެންގެ ޓެސްޓުގެ ނަތީޖާ އަދި ނުލިބެއެވެ.
މި ކޭސްތަކާ ގުޅިގެން 305 މީހަކު ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވެގެން ވަނީ އެކަހެރިކޮށްފައެވެ. އޭގެ ތެރެއިން ހައިރިސްކު އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނޭ 157 މީހުން ވަނީ ކަރަންޓީން ފެސިލިޓީސްތަކުގައި އެކަހެރިކޮށްފައެވެ. ހައި ރިސްކް ކެޓަގަރީގައި 82 މީހަކު ހިމެނެއެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނެނީ، 71 މީހެވެ. އަދި ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ 89 މީހަކު ވަނީ، ގޭގައި އެކަހެރިކޮށްފައެވެ.