ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަލަފް ޖަމިއްޔާއާ އެކު މަޝްވަރާ ކުރުމަށް އެދިފައި ވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވާ އިސްލާމްދީނުގެ ހައްދުތަކާ ގުޅިގެން ކަމަށާއި އެކަމާ ގުޅިގެން ރައީސް އޮފީހުން ބާއްވަން އުޅޭ މަޝްވަރާތަކުގައި ސަލަފުން ބައިވެރިނުވާނެ ކަމަށް އެ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.

ސަލަފުން ރައީސް ނަޝީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޕިއްލޭ މަޖިލީހުގައި ގޮވާލި ގޮވާލުން ރައީސް ނަޝީދު ކުށްވެރިކުރައްވާފައި ނުވުމުން ދޭހަކޮށްދެނީ، އެ ޖަމިއްޔާ އާއި ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވުން އެއީ، އޭނާގެ ވާހަކަތަކަށް އިޖާބަދެއްވައި ހައްދުތަކާ ބެހޭ ގޮތުން ބަޙުޝް ކުރުމަށް ހުޅުވައިލެއްވުމަށް މަގުފަހިކުރުމުގެ ގޮތުން ހިންގަވާ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. އަދި އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ސަލަފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހައްދެއް އެނޫން ގޮތަކަށް ބަދަލުކުރުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ވެސް ސަލަފްގެ ސިޓީގައިވެ އެވެ.

ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބުރާހީމް މިއަދު ވިދާޅުވީ ރައީސް އޮފީހުން މިއަދު ފޮނުވި ސިޓީއެއް އެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށާއި ނަމަވެސް އިއްޔެ ދަތުވަތު ދެއްވާފައިވާ ކަމަށް ބުނެ ރައީސް އޮފީހުން އާއްމުކޮށްފައި ވަނީ ދޮގު މައުލޫމާތެއް ކަމަށެވެ.

އަބްދުﷲ ވިދާޅުވީ އިސްލާމްދީނުގެ ހައްދުތަކަކީ މާތްﷲ ކަނޑައަޅުއްވާފައިވާ އެއްޗަކަށްވާ އިރު އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަކީ އެއްވެސް މަހުލޫގަކަށް ލިބިފައިވާ ހައްގެއް ނޫން ކަމަށެވެ. ނަމަވެސް އެހެނިހެން ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މީގެކުރިން ވެސް އިސްލާމީ އެކިއެކި ކަންކަމާ ގުޅިގެން ވެސް ރައީސް އޮފީހަށް އެތައް ބައިވަރު ސިޓީއެއް ފޮނުވާފައިވާ އިރު އަދި އެކަހަލަ ކަމެއްގައި މަޝްވަރާ ކުރުމަށް އުފައްދާފައިވާ ފިގުހު އެކަޑަމީ އާއި އިސްލާމިކް މިނިސްޓްރީގައި ވެސް އެއްވެސް މަޝްވަރާއެއް ނުކޮށް، ސަލަފުން ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ވެސް ޖަވާބެއް އަދި ލަފައެއް ވެސް ނުދެއްވައި ކުއްލިއަކަށް ޕިއްލޭގެ މައްސަލާގައި މަޝްވަރާ ކުރައްވަން ރައީސް ނަޝީދު އުޅުއްވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"އިހަކަށް ދުވަހު ބަޔަކު ޣައިރު ދީނަށް ގޮވާލަން ނުކުތް މައްސަލާގައި ރައީސް އަށް އިލްތިމާސްއެއް ކޮށްފައިވާނެ. ބަނގުރާ ވިއްކަން ހުއްދަދޭން އުޅޭ މައްސަލާގައި އަޅުގަނޑުމެން ބައްދަލުކޮށްލަން އެދޭ ވާހަކަ އޮންނާނެ. ދީނީ އެއްބައިވަންތަ ކަން ހިމާޔަތް ކުރުމާ ބެހޭ ގޮތުން އިލްތިމާސްއެއް ފޮނުވާފައި އޮންނާނެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ލަފާއެއް ނުދެއްވާ ކުއްލިއަކަށް މަޝްވަރާއަކަށް އެދިވަޑައިގަތުމުން ސުވާލު އުފެދޭ،" އަބްދުﷲ ވިދާޅުވި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދަވާނީ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު އަމީން ފައިސަލް އިސްވެ ހުންނަވައިގެން ކަމަށް ރައީސް ނަޝީދު ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދު 2 ޖެހިއިރު ރައީސް އޮފީހުން ބޭއްވުމަށް ހަމަޖެއްސި އެބައްދަލުވުމަށް ސަލަފުން ހާޒިރުވެފައެއް ނުވެ އެވެ.

ރައީސް އޮފީހުން ސަލަފު ޖަމިއްޔާއާ އެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ބުނެ، ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ލިއުމެއްގައި ބުނެފައި ވަނީ "ދިވެހި ރައްޔިތުންގެ ސަލާމަތާއި އަމާންކަމާއި ބާއްޖަވެރިކަމަށް މަގުފަހިވާނޭ ގޮތުގެ މަތިން ޖަމްޢިއްޔަތުއް ސަލަފާއި ސަރުކާރާ ދެމެދު ވެވަޑައިގެންނެވި އެންމެ އަވަހަކަށް މަޝްވަރާތައް ފަށްޓަވަން" ރައީސް ނިންމަވައި ދައުވަތު ދެއްވި ކަމަށެވެ.

ރައީސް އޮފީހުން ސަލަފާއެކު މަޝްވަރާ ކުރަން ހުށަހަޅާފައި ވަނީ ޕިއްލޭ ދެއްކި ވާހަކަތަކާ ގުޅިގެން ކަމަށް ބުންޏަސް، އިއްޔެ އާއި މިއަދު ދިން ދައުވަތުގައި ވެސް، ޕިއްލޭގެ އެެއްވެސް ވާހަކައެއް ބުނެފަ އެއް ނުވެ އެވެ. ނަމަވެސް ރައީސް އޮފީހުން އިއްޔެ ބުނެފައިވަނީ ގާނޫނުލް އުގޫބާތުގައި ދީނީ ހައްދުތައް ގާއިމްކުރުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ ހުށަހެޅުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް ސަލަފަށް ދައުވަދުދީފައިވާ ކަމަށެެވެ.