14:30


މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގުން، ބޭރުގެ ކުންފުންޏަކާ ޙަވާލުކުރުމުން ތިންސަތޭކަ އެތައް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް، ވަގުތުން ވަގުތަށް ހިންގޭނެގޮތް ފުރިހަމަވެ، އެއަރޕޯޓްގެ ހިންގުމާއި ވަސީލަތްތައް ފުޅާވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާނ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި މިއަދު ވާހަކަ ފުޅުދައްކަވަމުންނެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް، ބޭރުގެ ފަރާތަކާ ޙަވާލުކުރެއްވިއިރު، ސަރުކާރުން ވަރަށް ގިނަ ކަންކަމަށް ބެއްލެވި ކަމަށް ވިދާޅުވި އެވެ. އެގޮތުން، މިހާރުން މިހާރަށް ތިންސަތޭކަ ފަންސާސް މިލިއަން ޑޮލަރުގެ އިތުރު އިންވެސްޓްމަންޓް އެއަރޕޯޓަށް އެބަ ބޭނުންވާކަން ބަޔާންކުރައްވަމުން އެއަރޕޯޓް ބޮޑުކުރައްވައި، ރަންވޭ ފުޅާކުރައްވައި، ޓަރމިނަލް ވެސް މިހާރަށްވުރެ ކިތަންމެ ތަނަކުން ރަނގަޅު ކުރައްވަން އެބަޖެހޭ ކަމުގައި ވިދާޅުވި އެވެ. ސަރުކާރުން ހުށަހެޅުއްވި މިދެންނެވި ކަންތައްތައް، އެހުށަހެޅުއްވި ގޮތަށް ކޮށް ނިންމުމަށް، އެއަރޕޯޓް ޙަވާލުކުރި ކުންފުނިން ވަނީ އެއްބަސްވެފައި ކަމަށާއި، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިކަމުގެ ގިނަ މަސައްކަތްތައް ފަށައިގަނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސް ނަޝީދުގެ ދެއްކެވި ވާހަކަފުޅުގައި މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގުން، ބޭރުގެ ކުންފުންޏަކާ ޙަވާލުކުރުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި އެހެން ބަޔަކާ އެއަރޕޯޓް ހިންގުން ޙަވާލުކުރުމުން، ދައުލަތަށް ލިބޭ އާމްދަނީ ކުޑަ ތަންކޮޅެއް ވެސް ކުޑަވެގެނެއް ނުދާނެ ކަމަށާއި، ކުރިއަށްވުރެ ލިބޭ އާމްދަނީ މިހާރު އެތައް ތަނަކުން ރަނގަޅުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް، ބޭރުގެ ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ހިންގާފައިވަނީ، ދެފުށް ފެންނަ، އެއްވެސް ހާލެއްގައި ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތެއްގެ މަތިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި އޮތީ ޓޫރިޒަމްގެ މައްޗަށް ކަމަށާއި ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުކުރެވޭނީ، އެއަރޕޯޓް ހަރުދަނާ ކުރެވިގެން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އަންނަ އަހަރާ ކުރިމަތިލާއިރުގައި، އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާނީ، މުޅިން އާ އެއަރޕޯޓެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.