17 Apr 2020, 02:08
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަޅެއްގެ ގޮތުން، މާލޭ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައި މާހިފުމާއި ޕިކްނިކް ދިޔުމާއި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުން އެޗްޕީއޭ އިން މަނާކޮށްފިއެވެ.
މި އެންގުމަށް އަމަލު ކުރަން ފަށާނީ މާދަމާ ހަވިރު 6:00 އިން ފެށިގެންނެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަޅެއްގެ ގޮތުން، މާލޭ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައި މާހިފުމާއި ޕިކްނިކް ދިޔުމާއި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.
މާލެއިން އިއްޔެ ތިން ކޭސް ފެނުމާ ގުޅިިގެން އެޗްޕީއޭ އިން ވަނީ ރައްކާތެރިވުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އިއްޔެ އިން ފެށިގެން މާލެއަށް އަރާފޭބުން ވަނީ މަނާކޮށްފައެވެ. އެ މުއްދަތު މިހާރު ވަނީ މާދަމާ މެންދުރު 3:30 އަށް އިތުރުކޮށްފައެވެ.
ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތައް ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން މިރޭ އެޗްޕީއޭ އިން ނެރުނު އެންގުމުގައި ބުނީ، ރަށްރަށުން ޒަރޫޒީ ބޭނުމެއްނެތި އަރާ ފޭބުން މާނާކޮށްފައިވާ ކަމަށެވެ. އަދި ދިރިއުޅޭ ގޭބީސީތައް ފިޔަވައި، އާންމުތަންތަންވެސް ހިމެނޭ ގޮތަަށް އެއްވެސް ބާވަތެއްގެ އެއްވުންތައް އެއްވުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ނިންމާފައެވެ.
"ވަކިން ހާއްސަކޮށް، ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުން ހުއްޓާލުން،" އެޗްޕީއޭ އިން އަންގާފައިވެއެވެ.
މާލެއިން ޕޮޒިޓިވްވި މީހުންނާ ގުޅިގެން އެޗްޕީއޭ އިން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ އިރު، އެޗްޕީއޭ އިން ވަނީ ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ލަސްނުކޮށް ހިއްސާ ކުރުމަށް އާންމުންގެ ކިބައިގެން އެދިފަ އެވެ.
މީގެ އިތުރުން ވޭތުވެދިޔަ ދުވަސްތަކުގައި މާލެއާއި ރިސޯޓު އަދި ސަފާރީތަކުން ރަށްރަށަށް ގޮސްފައިވާ މީހެއްގެ ފަރާތުން ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ ނަމަ، އެކަން ލަސްނުކޮށް ރިޕޯޓުކުރުަމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. ވައިރަހުގެ އަލާމާތެއް ފެންނަ ނަމަ ރިޕޯޓު ކުރައްވަނީ ފޯނުން ނަމަ އެޗްޕީއޭގެ ހޮޓްލައިން 1678، އަދި އީމެލް އިން ނަމަ،[email protected]އެވެ. އަދި ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަނަކަށް ވެސް އެންގިދާނެއެވެ.
މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި "ޕޭޝަންޓް21" އަކީ، މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. ދެވަނަ އަށް ޕޮޒިޓިވްވީ އޭނާގެ ތުއްތު ދަރިފުޅެވެ. އެއީ "ޕޭޝަންޓް22 އެވެ. ދެން ޕޮޒިޓިވްވި މީހާ އަކީ ވެސް "ޕޭޝަންޓް21" އާ ބައްދަލުވި މީހެކެވެ. އެއީ "ޕޭޝަންޓް23" އެވެ. ޕޭޝަންޓް 21އަށް ވައިރަސް ވާސިލްވީ ފަރާތް ނުވަތަ ޕޭޝަންޓް ޒީރޯ އަދިވެސް ނުހޯދެ އެވެ.
އެ ތިން ކޭސްއާ ގުޅިގެން މިހާތަނަށް ގިނަ ސާމްޕަލްތަކެއް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެނެވެ. ޕޮސިޓިވްވި ތިން މީހުން މިހާރު ތިބީ ފަރުކޮޅުފުށި އައިސޮލޭޝަންގަ އެވެ. އަދި އެ މީހުންނާ ކޮންޓެކްޓް ވެެެގެން އަލާމާތްތައް ފެނުނު 14 މީހަކު ރޭ ވަނީ ހުޅުލޭ އައިސޮލޭޝަން ފެސިލީޓީގައި އައިސޮލޭޓްކޮށްފައެވެ. އެމީހުންގެެންގެ ޓެސްޓުގެ ނަތީޖާ އަދި ނުލިބެއެވެ.
މި ކޭސްތަކާ ގުޅިގެން 305 މީހަކު ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވެގެން ވަނީ އެކަހެރިކޮށްފައެވެ.. އޭގެ ތެރެއިން ހައިރިސްކު އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނޭ 157 މީހުން ވަނީ ކަރަންޓީން ފެސިލިޓީސްތަކުގައި އެކަހެރިކޮށްފައެވެ. ހައި ރިސްކް ކެޓަގަރީގައި 82 މީހަކު ހިމެނެއެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނެނީ، 71 މީހެވެ. އަދި ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ 89 މީހަކު ވަނީ، ގޭގައި އެކަހެރިކޮށްފައެވެ.