މާލެ ލޮކްޑައުން ކޮށްފައި އޮތުމުން ތަކެތި ބޭނުން ވެގެން އެސްޓީއޯއަށް ލިބިފައި ހުރި އޯޑަރުތަކަށް މިރޭ ޑެލިވާ ކޮށް ނިންމުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ލޮކްޑައުން ކޮށްފައި އޮންނަތާ އެއް ދުވަސް ފާއިތުވެ ދެވަނަ ދުވަހެއް މިވަނީ ފަށާފަ އެވެ. ސަރުކާރުން ގޮވާލާފައިވަނީ ރައްޔިތުންގެ ގޭގައި ތިބެ ފިހާރަތަކަށް އޯޑާ ކޮށްގެން ތަކެތި ގެއަށް ގެނައުމަށެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތަށް ނުހިގައި މީހުން ވަނީ މަގުތަކަށް ނިކުމެ ފިހާރަތަކަށް ވެސް ގޮސްފަ އެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އެ ފިހާރައިން އޯޑަރު ނެގެނުން ހުއްޓާލުމަށްފަހު ލިބިފައި ހުރި އޯޑަރުތަކަށް ތަކެތި ޑެލިވާކޮށް ނިންމާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން މިރޭ ދަންވަރު ވެސް ޑެލިވަރީއަށް ގުޅާފާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އެސްޓީއޯ އިން މީގެ ކުރިން ނިންމާފައި އޮތީ މިރޭ 11 ޖެހުމާއި ހަމައަށް ޑެލިވާ ކޮށްދިނުމަށްފަހު މާދަމާ ނުވައެއް ޖަހާއިރު އަލުން ޑެލިވަރީ ފެށުމަށެވެ. ނަމަވެސް އާންމުންގެ ފަރާތުން ލިބުނު ރިކުއެސްޓުތަކަށް އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.

މާލޭގައި ޑެލިވަރީ ކުރުމުގެ ހުއްދަ މިހާރު ވަނީ މާދަމާ ހެނދުނު 10:00 އާ ހަމައަށް ވެސް އިތުރުކޮށްފަ އެވެ.