17 Apr 2020, 01:55
ވޭތުވެދިޔަ ދުވަސްތަކުގައި މާލެއާއި ރިސޯޓުތަކާއި އަދި ސަފާރީތަކުން ފޭބި މީހުންގެ ފަރާތުން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތެއް ފެންނަ ނަމަ، ލަސްނުކޮށް ރިޕޯޓުކުރުމަށް އެޗްޕީއޭ އިން އަންގައިފި އެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން މިރޭ އެޗްޕީއޭ އިން ނެރުނު އެންގުމުގައި ވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިންނާއި ރިސޯޓުތަކުން އަދި ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތެއްގެ ކިބައިން ކޮވިޑް19އަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް، އެކަން އެޗްޕީއޭ އަށް އެންގުމަށެވެ.
މާލެއިން އިއްޔެ ތިން ކޭސް ފެނުމާ ގުޅިިގެން އެޗްޕީއޭ އިން ވަނީ ރައްކާތެރިވުމުގެ ގޮތުން ވަރުދަފަ ފިވަޔަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އިއްޔެ އިން ފެށިގެން މާލެ ސަރަހައްދު ވަނީ އަރާފޭބުން މަނާކޮށް، ލޮކްޑައުންކޮށްފައެވެ. އެ މުއްދަތު މިހާރު ވަނީ މާދަމާ މެންދުރު 3:30 އަށް އިތުރުކޮށްފައެވެ.
އޭގެ އިތުރުން މިރޭ އެޗްޕީއޭ އިން ވަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުމާއި، ރަށްރަށުގައި އެއްވެސް ކަހަލަ އެއްވުމެއް ބޭއްވުން ވެސް މަނާކޮށްފައެވެ.
ރިސޯޓުތަކާއި ސަފާރީތަކުން ރަށްރަށަށް ދިޔަ މީހުންގެ ކިބައިން އަލާމާތްތައް ފެންނަނަމަ އެކަން ރިޕޯޓު ކުރުމަށް އެޗްޕީއޭ އިން އެެދިފައިވާއިރު، ދާދި ފަހުން ވަރަށް ގިނަ ރިސޯޓުތަކާއި ސަފާރީތަކުގައި ތިބި މުވައްޒަފުން ފޭބުމުގެ ހުއްދަ އެޗްޕީއޭ އިން ވަނީ ދީފައެވެ. ރިސޯޓުތަކާއި ސަފާރީތަކުން މީގެ ކުރިން ފެނުނު ކޭސްތަކާ ގުޅިގެން އެތަންތަނުން މީހުން ފޭބުން މަނާ ކުރިއެވެ. ނަމަވެސް ފަހުން އެޗްޕީއޭ އިން ވަނީ އެތަންތަނުން މީހުން ފޭބުމުގައި ލުއިތަކެއް ދީފައެވެ.
އެ ލުއިތަކުގެ ދަށުން މިހާތަނަށް 156 ރިސޯޓަކާއި 96 ސަފާރީއަކަށް ވަނީ މީހުން ފޭބުމުގެ ހުއްދަ ދީފައެވެ.
ވައިރަހުގެ އަލާމާތެއް ފެންނަ ނަމަ ރިޕޯޓު ކުރައްވަނީ ފޯނުން ނަމަ އެޗްޕީއޭގެ ހޮޓްލައިން 1678، އަދި އީމެލް އިން ނަމަ،[email protected]އެވެ. އަދި ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަނަކަށް ވެސް އެންގިދާނެއެވެ.