17 Apr 2020, 01:05
ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަަށުން އަނެއް ރަށަށް ދަތުރުކުން މަނާކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާދަމާގެ އިރުއޮއްސި 6:00 އިން ފެށިގެން ވަކި އެއްޗެއް އަންގަން ދެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާވާނެ ކަމަށެވެ.
މި މުއްދަތުގައި ރަށްރަށަށް ބޭނުންވާ މުދަލާއި އެހެނިހެން ވެސް ޒަރޫރީ ކަންކަން އެ ރަށެއްގެ ކައުންސިލުން ރާވާ ގޮތެއްގެ މަތިން ހަމަޖެއްސުމަށް ވެސް އެންގުމުގައި ބުނެފައިވެ އެވެ. މީގެ އިތުރުން އާންމު ތަންތަނަށް މީހުން އެއްވުމާއި އެއްވެސް ޒާތެއްގެ އެއްވުމެއް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ. އެގޮތުން، ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި މާހިފުމާއި ދަތުރު ދިޔުމާއި މޫދަށް ދިޔުމާއި، ކުޅިވަރު ކުޅުމާއި އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުންވެސް ހުއްޓާލަން ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން ރަށްތަކުން އަޅަން އެންގި އެހެން ފިޔަވަޅުތަކަކީ؛
ވޭތުވެދިޔަ ތަނުގައި، މާލެއިންނާއި ރިސޯޓުތަކުން، ސަފާރީތަކުން ރަށްރަށުން ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިއްޖެ ނަމަ، ލަސްނުކޮށް އެޗްޕީއޭ އަށް އެންގުން.
- ބަލިން ރައްކާތެރިވުމަށް ކަމާ ބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިމާ ވަގުތެއްގައިވެސް އަމަލު ކުރުމާއި ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުން.
މި ފިޔަވަޅުތައް އަޅާފައި މިވަނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުންނެވެ.
މިރޭ މި އެޅި ފިޔަވަޅާއެކު، މުޅި ރާއްޖެ އެއް ގޮތަކަށް ބަންދުވީ އެވެ. މާލެއިން ފެނުނު ކޮރޯނާވައިރަސްގެ ކޭސްތަކާ ގުޅިގެން އިއްޔެ އިން ފެށިގެން މާލެ ސަރައްހަދު ވަނީ ލޮކްޑައުންކޮށްފަ އެވެ. ލޮކްޑައުންގެ ދަށުން ޒަރޫރީ ބޭނުމެއްގައި ނޫނީ މީހުން މަގުތަކަށް ނުކުތުމާއި ވެހިކަލް ދުއްވުމާއި މާލެ ސަރަހައްދުގެ ސިޓީތަކުން އަރައި ފުރުން ވަނީ މަނާކޮށްފަ އެވެ. އެ މުއްދަތު ހަމާވާނީ މާދަމާގެ މެންދުރު 3:30އަށެވެ.
މާލެއިން ޕޮޒިޓިވްވި މީހުންނާ ގުޅިގެން އެޗްޕީއޭ އިން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ އިރު، އެޗްޕީއޭ އިން ވަނީ ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ލަސްނުކޮށް ހިއްސާ ކުރުމަށް އާންމުންގެ ކިބައިގެން އެދިފަ އެވެ.
މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި "ޕޭޝަންޓް21" އަކީ، މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. ދެވަނަ އަށް ޕޮޒިޓިވްވީ އޭނާގެ ތުއްތު ދަރިފުޅެވެ. އެއީ "ޕޭޝަންޓް22 އެވެ. ދެން ޕޮޒިޓިވްވި މީހާ އަކީ ވެސް "ޕޭޝަންޓް21" އާ ބައްދަލުވި މީހެކެވެ. އެއީ "ޕޭޝަންޓް23" އެވެ.
ޕޭޝަންޓް 21އަށް ވައިރަސް ވާސިލްވީ ފަރާތް ނުވަތަ ޕޭޝަންޓް ޒީރޯ އަދިވެސް ނުހޯދެ އެވެ.