މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް އެފްރިކާ ބައްރުގައި ޓެސްޓްކުރަން އެއް މިލިއަން ޓެސްޓް ކިޓް ހިދުމަތަށް ނެރެން ނިންމައިފި އެވެ.

އެފްރިކަން ޔޫނިއަން ބޮޑީއިން ބުނީ އެފްރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން އަންނަ ހަފްތާއިން ފެށިގެން އެފްރިކާގެ އެކި ގައުމުތަކަށް ޖުމްލަ އެއް މިލިއަން ޓެސްޓްކިޓް ފޯރުކޮށްދޭނެ ކަމަށެވެ.

އެފްރިކަން ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ޖޯން އެންކެންގްގަސޮންގް ވިދާޅުވީ މިހާރުވެސް އެފްރިކާގެ ގައުމުތަކުގައި އެކަށީގެންވާ އަދަދަށް ޓެސްޓް ކިޓް ނެތް ކަމަށާއި އެކަމަށް އަވަސް ފިޔަވަޅެއް އަޅަން ޖެހިފައިވާ ކަމަށެވެ.

އެފްރިކާއިން މިހާތަނަށް 17،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު 911 މީހުން ވަނީ މެރުވެފައެވެ.

ނަމަވެސް ބައްޔަށް އެކަށީގެންވާވަރަށް ޓެސްޓް ނުކުރެވޭތީ ހަގީގީ މަންޒަރު އަދި ނުފެންނަކަމަށް ޖޯން ވިދާޅުވިއެވެ.

އެފްރިކާގައި އޮންނަ ނައިޖީރިއާގައި 200 މިލިއަން މީހުން ދިރިއުޅޭއިރު މިހާތަނަށް އެގައުމުން ޓެސްޓްކޮށްފައިވަނީ އެންމެ 6000 މީހުންނެވެ. އަދި އިތިއޯޕިއާގައި 100 މިލިއަން މީހުން ދިރުއުޅޭއިރު އެގައުމުގައި ކޮށްފައިވަނީ އެންމެ 5000 ޓެސްޓެވެ.

ޖޯން ވިދާޅުވީ މިހާރުގެ ހާލަތުގައި އެއް މިލިއަން ކިޓްވެސް މަދުކަމަށާއި އެހެން ނަމަވެސް ކުރިއަށް ހަ މަހަށް 15 މިލިއަން ޓެސްޓްކިޓް ބޭނުންވާނެ ކަމަށެވެ.

އެފްރިކާގެ ގައުމުތަކުގައި އެކަށީގެންވާ ވަރަށް ހެލްތު އިކުއިޕްމަންޓްސް ނެތުމުގެ ދަތިކަންވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން 10 ގައުމެއްގައި ވެންޓިލޭޓަރު ނެތްއިރު އެފްރިކާގެ 43 ގައުމެއްގައި އިންޓެންސިވް ކެއާ ޔުނިޓްގެ ހުރީ 5000 އަށް ވުރެ މަދު އެނދުތަކެކެވެ.