އިނގިރޭސިވިލާތުގައި ލޮކްޑައުންގެ މުއްދަތު އިތުރު ތިން ހަފްތާއަށް އިތުރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ފަސްޓް ސެކެޓްރީ އޮފް ސްޓޭޓް ޑޮމިނިކް ރާބް ވިދާޅުވީ ކޮރޯނާ ވައިރަސްގެ ހާލަތު ބެލިއިރު އަދިވެސް ބަލި ކޮންޓްރޯލް ކުރެވޭވަރު ނުވާ ކަމަށެވެ. އަދި އެ ހާލަތުގައި އަނެއްކާވެސް ލުއިތަކެއް ދީފިނަމަ އަނެއްކާވެސް އާންމު ސިއްހަތަށް ނުރައްކާތެރިވެދާނެކަމަށް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު 13،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮރޯނާ ކޮންޓްރޯލްކުރުމުގެ ގޮތުން އިނގިރޭސިވިލާތުން މިދިޔަ މަހު 23 އިން ފެށިގެން ދެ މީހުންނަށް ވުރެ ގިނަ މީހުން އެއްވުން މަނާކޮށް ގިނަ ވިޔަފާރިތައް ބަންދުވަނީ ކޮށްފައެވެ.

ޑޮމިނިކް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދީފިނަމަ ކުރިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހާސިލްވި މިންވަރުގެ ބަދަލުގައި އަނެއްކާވެސް ފަހަތަށް ދާނެ ޖެހިދާނެ ކަމަށެވެ. ނަމަވެސް ބަލި ކޮންޓްރޯލްކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮމިނިކް އިތުރަށް ވިދާޅުވީ މިހާރުވެސް ހޮސްޕިޓަލްތަކާއި މީހުން ބަލަހައްޓާ "ކެއާ ހޯމް" ތަކުގައި ބަލި އަދިވެސް ފެތުރެމުންދާ ކަމަށެވެ.

އަޅާފައިވާ ލުއިތަކަށް ފިޔަވަޅުތަކަށް ލުޔެއް ދިނުމުގައި ފަސްކަމަކަށް ބަލާނެ ކަމަށް ޑޮމިނިކް ވިދާޅުވިއެވެ. އޭގެ ތެރޭގައި މަރުވާ މީހުންގެ އަދަދު ދަށްވެއްޖެކަން ޔަގީން ކުރެވުމާއި، އެގައުމުގެ ނެޝެނަލް ހެލްތު ސާވިސްއަށް ހިދުމަތް އެކަށީގެންވާ ވަރަށް ދެވޭނެކަމުގެ ޔަގީންކަން ލިބުމާއި ބަލި ޖެހޭ މީހުންގެ އަދަދު ހިދުމަތްތައް ދެވޭވަރަށް މަދުވުން ހިމެނެއެވެ. އޭގެ އިތުރުން ބައްޔަށް ޓެސްޓްކުރަން ޓެސްޓްކިޓްތަކާއި އަދި ޕޮރޮޓެކްޓިވް ގިއާ އިކުއިޕްމަންޓްސް އެކަށީގެންވާ ވަރަށް ސަޕްލައި ކުރެވޭނެކަމުގެ ޔަގީންކަން ލިބި އަޅާ ފިޔަވަޅުތަކުގެ ސަަބަބުން ދެވަނަ ބޮޑު އައުޓް ބްރޭކެއް ނުފެތުރޭނެކަމުގެ ޔަގީންކަން ލިބުންވެސް ހިމެނެއެވެ.

ދާދި ފަހުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށްވެސް ކޮވިޑްޖެހިގެން ވަނީ ފަރުވާދީފައެވެ.