މާލެ ސިޓީ ލޮކްޑައުންގައި ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް މާދަމާ ހެނދުނާ ޖެހެންދެން އެ ހިދުމަތް ދެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

މީގެ ކުރިން ދަންވަރު 12:00 އަށް ފަހު ޑެލިވަރީގެ ހިދުމަތް ނުދެވޭނެއެވެ.

ފުލުހުންގެ މި ނިންމުމާއެކު މިރޭ ދަންވަރުވެސް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ. ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މާދަމާ ހެނދުނު 10:00އާ ހަމައަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މާލެއިން ފެނުނު ކޮރޯނާވައިރަސްގެ ކޭސްތަކާ ގުޅިގެން އިއްޔެ މެންދުރު މާލެ ލޮކްޑައުންކުރުމާއެކު، ކޯބާތަކެއްޗާއި ފިހާރަކަތަކުން މުދާ ގެންގޮސް ދެވޭނެ ތިން ވަގުތެއް ފުލުހުން އިއުލާން ކުރިއެވެ. ފުލުހުން ކަނޑައަޅާފައިވާ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު 2:00 އަށް އަދި ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00އާ ހަމައަށެވެ.

ފުލުހުން މިރޭ ބުނީ، މާދަމާ ހެނދުނު 10:00 އާ ހަމައަށް ޑެލިވަރީ ކުރުމުގެ ވަގުތު އިތުރު ކުރި ނަމަވެސް، އެއަށްފަހު ދެން ޑެލިވަރީކޮށްދެވޭނީ ކުރިން ކަނޑައަޅާފައިވާ ވަގުތުތަކުގައި ކަމަށެވެ.

ފުލުހުން ޑެލިވަރީކުރުމުގެ ވަގުތު އިތުރުކޮށްފައި މިވަނީ، ހުއްދަ ދިން ފަރާތްތަކުން ފޯނު ނުނެގުމާއި އޯޑަރު ނެގުމަށްފަހު، އޯޑަރު އައުމުގައި ލަސްތަކެއްވާކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.