18 Dec 2011, 14:31
މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތައް ގުޅިގެން އަންނަ ހުކުރު ދުވަހު މާލެ އާއި އަތޮޅުތަކުގައި ބާއްވާ "ބޮޑު މުޒާހަރާ"ގައި ހުރިހާ ދިވެހިން ބައިވެރިވާން ޖެހޭ 25 ސަބަބެއް އަދާލަތު ޕާޓީން މިއަދު އާއްމު ކޮށްފި އެވެ.
އަދާލަތުގެ އިސް ތަރުޖަމާނު ޝައިހް މުހައްމަދު ޝަހީމް އަލީ ޝައީދު އެ ޕާޓީގެ ރަސްމީ ވެބްސައިޓްގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އަންނަ ހުކުރު ދުވަހު ބާއްވާ، ހިޔާލު ފާޅުކުރުމުގެ ބޮޑު އެއްވުމަށް ރައްޔިތުންގެ ތެރެއިން އަންހެން، ފިރިހެން، މުސްކުޅިން، ޒުވާނުން ބައިވެރިވުމަކީ ޢަދާލަތު ޕާޓީގެ އެންމެހާ ޢިލްމުވެރިން ގޮވާލާ ކަމެއް ކަމަށެވެ.
އެ މުޒާހަރާ އަށް ދިވެހިން ނުކުންނަން ޖެހޭ ސަބަބުތައް ކަމަށް، އަދާލަތުގެ ސައިޓްގައި ވަނީ، ރައީސް ނަޝީދު، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް ކުރައްވާފައިވާ ހުވައިގެ ރޫޙާ އެއްގޮތަށް ވެރިކަން ނުހިންގެވުމާއި އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ދީނީ ކަންކަން މިއަދާ ހަމައަށް އައި އިރު ވެސް ފުރިހަމަކުރަމުން ނުދިއުމާއި ދީން ނާޖާއިޒު ގޮތުގައި ހަތިޔާރަކަށް ހެދުމާއި ދިވެހި ރާއްޖޭގެ ދީނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން މަސައްކަތްކުކުރުމާއި އިސްލާމިކް މިނިސްޓްރީން އެކި ކަންކަމުގައި އަރުވާފައިވާ ދީނީ ލަފާ ސަރުކާރުން ގަބޫލުނުކޮށް އެތަނުގެ ހައިބަތު ކުޑަކޮށް، އިސްލާމީ އައުޤާފުތަކާއި އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ވަޤުފު ބިންތަކާއި މިސްކިތްތައް ސިޓީ ކައުންސިލްގެ ދަށަށް ގެންދިއުން ހިމެނޭ ކަމަށެވެ.
އަދާލަތުން ބުނީ ޞުލްޙަވެރިކަމާ އެކު އަޑު އުފުލުމަށް، އަންނަ ހުކުރު ދުވަހު މާލެ އާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެއްކަމަށާއި އެ ދުވަހަކީ ރާއްޖޭގެ އިސްލާމީ ކުރިމަގު ކަނޑައަޅައިދޭ މުހިންމު ތާރީޚީ ދުވަހެއް ކަމަށެވެ.
"އިސްލާމްދީނަށް ޓަކައި އެހާ ގިނަ ބަޔަކު ދިވެހި ދިދައިގެ ދަށަށް އެއްވާ އެދުވަހުން، މަޙްރޫމްވެވަޑައި ނުގަތުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
އަދި އެ ޕާޓީން ބުނެފައި ވަނީ މަދަނީ އިއްތިޙާދުގެ އެއްވުމާ ދެކޮޅަށް، ލޭ އޮހޮރުވުމުގެ މަޤްޞަދުގައި ދީން ނާޖާއިޒު ގޮތުގައި ހަތިޔާރަކަށް ހަދައިގެން އެމްޑީޕީން ބޭޢްވުމަށް ޤަސްތުކުރާ ލާދީނީ ޙަރަކާތަކީ އިސްލާމްދީނާ ޚިލާފު ޙަރަކާތެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށާއި އެއީ މެދުމިނުގެ ނަމުގައި އިސްލާމްދީނުގެ ޙުކުމްތަކުގެ ބާރު ކަނޑުވާލުމަށާއި ޙުރުމަތް ކަނޑާލައި ޢަލްމާނީ ކަންކަން ޕްރޮމޯޓްކުރުމަށް ގޮވާލަން ބާއްވާ ނުބައި ފާސިދު އެއްވުމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
"އެކި އެކި މަޖިލިސްތަކާއި ޖަލްސާތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ޖޯކުޖަހައި، އުޅުނު މީހުން ކުއްލިއަކަށް މެދުމިން ވެގެން ނިކުތުމުން، މިކަމުގެ ފަހަތުގައި ވަނީ ޞަލީބީންގެ މިޝަނަރީން ކަން ފާހަގަވެ އެވެ،"
އަދާލަތުން ބުނެފައި ވަނީ އަންނަ ހުކުރު ދުވަހުގެ ބޮޑު މުޒާހަރާއަކީ ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން ބޭއްވޭ ޞުލްޙަވެރި އެއްވުމެއް ކަމަށެވެ.
އަދާލަތު ޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ 25 ސަބަބުގައި މުޅިން ވެސް ވަނީ މިސަރުކާރުން ދީނާއި މެދު ކޮށްފައިވާ ނުއެއްގާނި އަމްލަތަކެވެ.