16 Apr 2020, 23:17
ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންނާ ދިމާވި މީހުން ހޯދުމަށް ހަދާ ކޮންޓެކްޓްް ޓްރޭސިން އަށް ދޮގު މައުލޫމާތު ދީފި ނަމަ، ގެއްލުން ވާނީ މުޅި މުޖުތަމައު އަށް ކަމަށް އައިޖީއެމްއެޗްގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
އިއްޔެ މާލެއިން ޕޮޒިޓިވްވި މީހުންނާ ގުޅިގެން އެޗްޕީއޭ އިން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ އިރު، އެޗްޕީއޭ އިން ވަނީ ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ލަސްނުކޮށް ހިއްސާ ކުރުމަށް އާންމުންގެ ކިބައިގެން އެދިފައެވެ. މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި "ޕޭޝަންޓް21" އަކީ، މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. ދެވަނަ އަށް ޕޮޒިޓިވްވީ އޭނާގެ ތުއްތު ދަރިފުޅެވެ. އެއީ "ޕޭޝަންޓް22 އެވެ. ދެން ޕޮޒިޓިވްވި މީހާ އަކީ ވެސް "ޕޭޝަންޓް21" އާ ބައްދަލުވި މީހެކެވެ. އެއީ "ޕޭޝަންޓް23" އެވެ.
މިއަދު ހަވީރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިހާތަނަށް އައިރު "ޕޭޝަންޓް21"އަށް ވައިރަސް ވާރުތަވީ ކާކުގެ ފަރާތުންކަން އަދިވެސް ހޯދިފައި ނުވާ ކަމަށާއި އެކަން ކުރުމަށް ވަރަށް ބޮޑަށް އުދަނގޫވެފައިވާ ކަމަށެވެ.
"އެކަން ކުރުމަށް [ޕޭޝަންޓް21 އަށް ބަލި ޖެހުނު ގޮތް ދެނެގަތުމަށް] އުދަނގޫވާ އެއް ސަބަބަކަށް މިވަނީ، އެހާ ގިނަ ކޮންޓެކްސް ތިބުމުން. އަނެއްކާ ވަރަށް ބޮޑަށް ގޮފިތައް ފަޅައިގެން ގޮސްފައިވާ ކޮންޓެކްޓް ޓްރޭސިންއެއް މިއީ. އޭނައަށް ބަލި ޖެހުނީ ކިހނެތްތޯ ބަލާއިރު، ވަރަށް ގިނަ ބަޔަކު އެބަޖެހޭ އެކްސްކްލޫޑް [އެކަހެރި] ކުރަން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: ކޮންޓެކްސް ޓްރޭސިން ހެދުމަށް އުދަނގޫ ވެފައިވާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަފްޒަލް ވިދާޅުވީ، ދެން ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ، މިހާރު ޕޮޒިޓިވްވެފައި ތިބި މީހުންނާ ކޮންޓެކްޓްވި ނުވަތަ ދިމާވެފައި ހުރި މީހުން ހޯދުން ކަމަށެވެ. އަދި އެކަމަށްޓަކައި ސައްހަ މައުލޫމާތު ހިއްސާ ކުރުމަށް ޑޮކްޓަރު އެދިވަޑައިގެންނެވި އެވެ.
"ކޮންޓެކްޓް ޓްރޭސިންއަށް ގުޅާ ފަރާތްތަކުން އަޅުގަނޑުމެންނަށް އެންމެ ސައްހަ މައުލޫމާތު ދިނުމަށް ވަރަށް ބޮޑަށް އެދެން. އެއީ މިވަގުތު އެއްވެސް ކަމެއް ފޮރުވައިގެން ތިބެގެން ތިމާ މިހާއަށް އެއްވެސް ފައިދާއެއް ނުކުރާނެ. ހަމަ ބޮޑު ގެއްލުމެއް ވާނީ. އަދި މުޅި މުޖުތަމައުއަށްވެސް ވަރަށް ބޮޑު ގެއްލުމެއް މިކަމާ ގުޅިގެން ކުރިމަތިލާން ޖެހިދާނެ،" ޑޮކްޓަރު ވިދާޅިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ޕޭޝަންޓް21 އަށް ބަލި ޖެހުނީ ޕޭޝަންޓު 22 ގެ ކިބައިން ކަމެއް ނުވަތަ ޕޭޝަންޓް 21 ގެ ކިބައިން ކަމެއް އަދިވެސް ޔަގީން ނުވާ ކަމަށެވެ. ނަމަވެސް އެ ދެމީހުންނަކީވެސް ސީދާ ބައްދަލުވެފައިވާ ދެމީހުންނެވެ. އެ ދެ ސިނާރިއޯއަށްވެސް ކޮންޓެކްޓް ޓްރޭސިން ހަދަމުންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، މާލެއިން ފުރަތަމަ ބަލި ފެނުނު މީހާއަށް އެ ބަލި ޖެހުނު ގޮތް ނުހޯދިއްޖެ ނަމަ ދެން ބަލާނީ "ކޮމިއުނީޓީ ސްޕްރެޑެއް" ނުވަތަ އާންމުގެ ތެރޭ ބަލި ފެތުރިއްޖެ ކަމަށެވެ. އަލާމާތްތައް ނުފެނި ބަލި ޖެހިފައި ނުވަތަ ނޭނގި ބަލި ޖެހި ބަލި ރަނގަޅުވެފައިވާ ބަޔަކު ރާއްޖޭގައި ތިބި ކަމަށް ބަލާނީ އެ ހިސާބުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
"އިންޑެކްސް ކޭސް ނުފެންނަ ހާލަތަކީ، ހަގީގަތުގައި އެހެން ގައުމުތަކުގައިވެސް މި ކިޔާ ޓްރޫ ކޮމިއުނިޓީ ސްޕްރެޑް ހާލަތު. އޭނައަށް [ޕޭޝަންޓް21]އަށް ވައިރަސް ޖެހުނީ ކިހިނެތްކަން ނޭނގެންޏާ އެހިސާބުން އޭގެ މާނައަކީ ގައުމުގައި އެބަ އުޅެޔޭ އަޅުގަނޑުމެންނަށް ނޭނގޭ ބަޔަކު ބަލި ޖެހިފައި ނުވަތަ ބަލި ރަނގަޅު ވެފައިވާ،" ޑޮކްޓަރު ވިދާޅުވިއެވެ.
"އެހެންވީމާ އެ ހިސާބުން އެެއޮތީ ޓްރޫ ކޮމިއުނިޓީ ސްޕްރެޑްގެ ޕިކްޗާއަށް އައިސްފައި،"

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: އިންޑެކްސް ކޭސް ނުފެންނަ ހިސާބުން އެއީ ކޮމިޓީނިޓީ ސްޕްރެޑެއް ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިއްޔެ އިން ފެށިގެން މާލެ ލޮކްޑައުންއަށް ގެނެސްފައި ވަނީ، އިއްޔެ ފެނުނު ކޭސްތަކުގެ ކޮންޓްކެޓް ޓްރޭސިން ހެދުމަށެވެ. އެ މުއްދަތު މިހާރު ވަނީ މާދަމާ މެންދުރުފަހު 3:30 އަށް އިތުރުކޮށްފައެވެ. އަފްޒަލް ވިދާޅުވި ގޮތުގައި އިންޑެކްސް ކޭސް ނުހޯދި، ކޮމިއުނިޓީީ ސްޕްރެޑެއްގެ ގޮތުގައި ކަނޑައަޅާ ހިސާބުން އަޅާ ފިޔަވަޅުތައްވެސް ތަފާތުވާނެ އެވެ. ތާއަބަދު މާލެ ލޮކްޑައުންގައި ނުބޭއްވޭނެ ކަމަށާއި އެއާއެކު ދެން ޖެހޭނީ ކޮވިޑާއެކު ދިރިއުޅެން ދަސް ކުރަން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ކޮމިއުނިޓީ ސްޕްރެޑް އުޅެއޭ ކިޔާފައި އަޅުގަނޑުމެންނަކަށް ތާއަބަދަކު ލޮކްޑައުން އަކު ނުބޭތިއްބޭނެ. ދެން އަޅުގަނޑުމެން ޖެހޭނީ ސެކަންޑް އޮފްޝަންއަކަށް ދާން. މިސާލަކަށް ބައްޔެއް މީހަކަށް ޖެހުނީ، ދެން [ބަލާނީ] އެ ބައްޔާއެކު ދިރިއުޅެނީ ކިހިނެތްތޯ. އެކަހަކަ ސްޓޭޖަކަށް [ދާން ޖެހޭނީ]. ވީ ހޭވް ޓު ލާން [ދަސްކުރަން] ކޮވިޑާއެކު ދިރިއުޅެން،"ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަން ޔަގީން ވުމާއެކު ދެން އަމަލު ކުރާނެ ގޮތްތަކެއް ނިންމާނީ ޓެކްނިކަލް އެސިސްޓް ގުރޫޕު (ޓެގް) އިން ކަމަށެވެ. އަދި ޓެގް އިން އެކަން ނިންމުމުން އާންމުކުރާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ނަމަވެސް އުންމީދަކީ ވެސް އަދި މަސައްކަތް ކުރަނީ ވެސް އިންޑެކްސް ކޭސް ހޯދުމަށް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ޑރ. އަފްޒަލް މިއަދުވެސް ތަކުރާރު ކުރެއްވީ، ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އާންމުން އަމަލުކުރުމަށެވެ. އެގޮތުން ގޭގައި މަޑު ކުރައްވައި، ގައިދުރުކަން އިސްކޮށް، ގިނަގިނަގަިން އަތްދޮވެ، ސާފުތާހިރުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
"މިހެން ކިތަންމެ ވަރަކަށް ކިޔަސް އާންމުގެ ފުރިހަމަ ތަރުހީބެއް ނުލިބޭނަމަ މިކަން އަޅުގަނޑުމެންނަށް ނުއެއް ކުރެވޭނެ[ވައިރަސް ކޮންޓްރޯލް ނުކުރެވޭނެ]. މި ފުރުސަތަކީ، އާންމުންގެ ކިބައިން އެހީތެރިކަން މުޅި ގައުމަށް ބޭނުންވާ ވަގުތެއް. މިވަގުތު ދޭ އިރުޝާދުތައްކަށް އަމަލުކުރާނަމަ، މިކަން ކޮންޓްރޯލް ކުރެވޭނީ. އެހެން ނޫނީ މިކަން އަޅުގަނޑުމެން ހީނުކުރާވަރަށް އިތުރަށް ފެތުރިގެންދާނެ،" ޑރ. އިންޒާރު ދެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، "ޕޭޝަންޓް21"ގެ ކިބައިން ވައިރަހުގެ އަލާމާތްތައް ފެނުނީ، މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި "ޕޭޝަންޓް23"ގެ ކިބައިން އަލާމާތްތައް ފެނުނީ، މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ކޮންޓެކްޓް ޓްރޭސިންނަށް ބޮޑަށް ސަމާލުކަން ދެނީ ހަވަނަ ދުވަހުން ފެށިގެން ކޮންޓެކްޓްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ކަމަށް މަބްރޫކު ވިދާވިއެވެ. ނަމަވެސް ވޭތުވެދިޔަ 14 ދުވަހު އެމީހުންނާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު ވެސް އެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެެ.
ވޭތުދިޔަ ފަސް ދުވަހު "ޕޭޝަންޓް 21" އަދި ޕޭޝަން23"އާ 305 މީހަކު ކޮންޓެކްޓްވެގެން ވަނީ އެކަހެރިކޮށްފައެވެ. އޭގެ ތެރެއިން ހައިރިސްކު އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނޭ 157 މީހުން ވަނީ ކަރަންޓީން ފެސިލިޓީސްތަކުގައި އެކަހެރިކޮށްފައެވެ. ހައި ރިސްކް ކެޓަގަރީގައި 82 މީހަކު ހިމެނެއެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނެނީ، 71 މީހެވެ. އަދި ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ 89 މީހަކު ވަނީ ގޭގައި އެކަހެރިކޮށްފައެވެ.
ކޮންޓެކްޓް ޓްރޭސިންގްއަށް މައުލޫމާތު ހިއްސާކުރުމަށް 1676 އަކަށް ގުޅުއްވާ އަދި[email protected]އަށް މެއިލް ކުރައްވާ