ރާއްޖެއިން ބޭރުން އައި ސަރުކާރުގެ މަތީ މަގާމެއްގައި މީހެއްގެ އާއިލާތައް ކަރަންޓީނު ނުކޮށް ދޫކޮށްލާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުން އައި ސަރުކާރުގެ ވެރިންނާއި މާލޭގެ ބޮޑެތި އާއިލާތަކުގެ މީހުން ކަރަންޓީނު ނުކޮށް ދޫކޮށްލާފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި މިރޭ ކުރެއްވި ޓްވީޓެއްގައި އަލީ ޒާހިރު ވިދާޅުވީ އެއީ 100 ޕަސެންޓް ދޮގު ވާހަކައެއް ކަމަށެވެ.

އަލީ ޒާހިރު ވަނީ އެފަދަގޮތަކަށް ދޫކޮށްލާފައި ހުރި އެންމެ މީހެއްގެ މައުލޫމާތު ވެސް ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ.

"އެންމެ މީހެއްގެ މައުލޫމާތު ދެއްވާ. ހަމަ ޔަގީން އެންމެ މީހެއްގެ މައުލޫމާތު ވެސް ނުދެވޭނެކަން،" އަލީ ޒާހިރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ކަރަންޓީނު ފެސިލިޓީތަކަށްލާން ނިންމީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ދޮގު މައުލޫމާތުތައް ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ކޮވިޑް-19 އާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތައް ގަބޫލު ނުކޮށް، ސަރުކާރުން ކޮންމެ ދުވަހަކު ހާމަކުރަމުން އަންނަ މައުލޫމާތަކަކީ ސައްހަ މައުލޫމާތު ކަމުގައި ބެލުމަށް މަބްރޫކް އިލްތިމާސް ކުރެއްވިއެވެ.

ތަފްސީލް އަންނަނީ...