17 Apr 2020, 00:28
ބަލި ޖެހޭ މީހުންނާ ގުޅޭ ކަށަވަރުނުކުރެވޭ މައުލޫމާތު ނުފަތުރަން އިލްތިމާސްކޮށްފި އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެޗްޕީއޭއިން މައުލޫމާތު ދިނުމުގެ ކުރިން ވަރަށް ގިނައިން ދޮގު އަދި ޔަގީން ނުވެ ހުންނަ މައުލޫމާތު އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ކަމަށެވެ.
" ފުރަތަމަ ދުވަހު އަޅުގަނޑު ބުނި ވާހަކައަކީ މައުލޫމާތެއް ސައްހަވުން ކަށަވަރުވުމާއެކީގައި އަޅުގަނޑުމެން ތިބޭފުުޅުންނަށް އަންގާނަމޭ. ދެން ތެދެއް އަޅުގަނޑުމެން ބައިގަޑިއިރު ނުވަތަ ވިހި މިނެޓް ފަހުން ކޮށްފާނެ. އަލުގަނޑުމެން މައުލޫމާތެއް ދެނީ ސައްހަ މައުލޫމާތެއްކަން ކަށަވަރުކުރެވުނީމަ." މަބްރޫކް ވިދާޅުވި އެވެ.
މިވެނި ރަށެއްގައި މިވެނި ކަމެއް ވެއްޖަކަމަށް ބުނެ ސައްހަ ނޫން މައުލޫމާތު ފެތުރުމުން އާންމުންގެ މެދުގައި ނުތަނަވަސްކަމާއި ހާސްކަން އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެޗްޕީއޭގެ އެތެރޭގެ ސައްހަ ލިޔެކިޔުންތައްވެސް ލީކްވަމުންދާތީ އެކަމާ މެދުވެސް ކަންބޮޑުވާ ކަމަށެވެ
އެެހެން ނަމަވެސް ރާއްޖޭގެ ހުރިހާ މީޑިއާތަކުންވެސް ސައްހަ ހަބަތުރައް ގެނެސްދެމުންދާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ ވައިބާ ގްުރޫޕްތަކުގައި ދެތިން މީހަކު ދައްކާ ވާހަކަތަކަށް ބަރޯސާ ނުވާނަމަ ސައްހަ މައުލޫމާތު ލިބޭނެ ކަމަށެވެ. އެފަދަ ދޮގު މައުލޫމާތުތަކީ އާންމުން ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ކަމަކަށްވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެ ވެ.
ދާދި ފަހުން ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި އަންހެން މީހާ ކަމަށް ބުނެ ދެތިން މީހެއްގެ ފޮޓޯވެސް ވައިބާ ގްރޫޕްތަކުގައި ދައުރުވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އޭގެ އިތުރުން މިއީ މިވެނި މީހެކޭ، މިވެނި މީހަކާ ދިމަވިޔޭ ކިޔައިގެން އެމީހަކަށް ހީކުރެވޭ މައުލޫމާތުތަކެއް ސޯޝަލް މީޑިއާތެރޭގައި ވައިބާ ގްރޫޕްތަކުގެ ތެރޭގައި ދައުރުވޭ. ތިބޭފުޅުންނަކީ ތި މައުލޫމާތުތަތައް އެނގޭ ކަމަށް ވަންޏާމު އަޅުގަނޑުމެންނަށް އީމެއިލްކޮށްލަ ދިނުން. ކަށަވަރުނުކުރެވޭ މައުލޫމާތެއް އާންމުންގެ ތެރޭގައި ފެތުރީމައި އުފެދޭ ބިރާ އަދި މިކަމާ ނުގުޅޭ މީހުންވެސް ތަހައްމަލުކުރަން ޖެހޭ އުނދަގޫތައްވެސް ވަރަށް ބޮޑު މިއީ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަމެއް. އަދި އެއީި ބަލިމީހާ ކަމުގައިވިޔަސ އަދި މިބައްޔަށް ފަރުވާ ކުރަމުންދާ މީހާ ކަމުގައިވިޔަސް އޭނާގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ކުށެއް،" މަބްރޫކް ވިދާޅުވި އެވެ.