18 Dec 2011, 14:08
އޭސީމިލާނުގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ ބޭނުންވަނީ 2020 އަހަރާއި ޖެހެންދެން އެކުލަބުގައި މަޑުކުރަން ކަމަށާއި އެކުލަބު ދޫކޮށް ދިއުމަށް ކައިރި މުސްތަގުބަލެއްގައި ނަމަވެސް ނުވިސްނާނެ ކަމަށް އޭނާ ބުނެފި އެވެ.
އޭސީމިލާނުގެ ފަހަތުގައި އިސް ދައުރެއް އަދާކުރަމުންދާ ތިއާގޯ ސިލްވާ ހޯދުމަށް މިއަހަރު ބާސެލޯނާ އިން ވަނީ ބޮޑު މަސައްކަތެއް ކޮށްފަ އެވެ. ނަމަވެސް އެ ހުށަހެޅުންތައް ދޫކުރަމުންދާ ތިއާގޯ ސިލްވާގެ ބޭނުން ވަނީ ދިގު މުއްދަތަކަށް އޭސީ މިލާނުގައި މަޑުކުރުމަށް ކަމަށް ވަނީ ބުނެފަ އެވެ.
"އޭސީމިލާނަށް 2016 ވަނަ އަހާރާއި ޖެހެންދެން ކުޅުމަށް އެއްބަސްވި އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމަށް ފަހު، އެ ކޮންޓްރެކްޓް ހަމަވުމުން ބޭނުމީ އިތުރު ހަތަރު އަހަރު ދުވަހަށް ކުޅުމަށް އެއްބަސްވާން،" ތިއާގޯ ސިލްވާ ބުންޏެވެ.
އުމުރުން 27 އަހަރުގެ ތިއާގޯ ސިލްވާ އަކީ ބްރެޒިލްގެ ފްލުމިނޭންސް އިން އޭސީމިލާނަށް 2009 ވަނަ އަހަރުގެ މެދުތެރޭގައި ބަދަލުވު ކުޅުންތެރިއެކެވެ. އޭސީމިލާނަށް ކުޅުމުގެ ކުރިން ތިއާގޯ ސިލްވާ ވަނީ ޔުވެންޓީޑް އަށާއި، ޕޯޓޯ އަދި ޑައިނަމޯ މޮސްކޯ އަށް ވެސް ކުޅެފަ އެވެ.