16 Apr 2020, 21:03
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް މަހެއްގެ މައްޗަށް އޭޓީއެމްތަކުން އަދި ބްރާންޗުތަކުން 2000 ޔޫއެސް ޑޮލަރަށް ވުރެ ގިނައިން ނުނެގޭނެ ގޮތް އެ ބޭންކުން ހަދައިފި އެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރާއްޖެއަށް ޑޮލަރު އިމްޕޯޓް ކުރާ އަދަދު ދަށްވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މިއަދުން ފެށިގެން ކޮންމެ ކަސްޓަމަރަކަށް އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭނެ އެންމެ ގިނަ އަދަދަކީ 2000 ޔޫއެސް ޑޮލަރުގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ މިހާރު ރާއްޖޭން ބޭރަށް ދަތުރު ކުރުން ހުއްޓާލެވިފައިވާތީވެ، ޔޫއެސް ޑޮލަރު ބޭނުންވާ އަދަދު ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން، އެންމެ ގިނަވެގެން މަހެއްގެ މައްޗަށް 2000 ޑޮލަރު ނެގޭ ގޮތަށް ކަނޑައެޅީ ބޭންކުގެ ކަސްޓަމަރުންނަށް ކުރިޔަށް އޮތްތަނުގައި ދިމާވެދާނެ ދަތިތަކަށް ބަލައި މުހިންމު ޒަރޫރީ ބޭނުންތަކަށް ޔޫއެސް ޑޮލަރު ބޭނުންވާ ފަރާތްތަަކަށް ދަތިކަމެއް ނެތި ޑޮލަރު ނެގުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްފަދައިން އިންޓަރނެޓް ބޭންކިން އަދި މޯބައިލްޕޭ މެދުވެރިކޮށް ޔޫއެސް ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ ކަމަށެވެ.
ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް ބޭނުންވާ ޔޫއެސް ޑޮލަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ. އަދި އިމްޕޯޓްކުރާ ފަރާތްތަކަށް ބޭނުންވާ ޔޫއެސް ޑޮލަރު ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފައިސާ ފޮނުވުމުގައި ދިވެހިރުފިޔާ އެކައުންޓް ބޭނުންކޮށްގެން ފައިސާ ފޮނުވޭގޮތް ހަމަޖައްސާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
މީގެ ކުރިން މަހެއްގެ މައްޗަށް ބީއެމްއެލްގެ އޭޓީއެމްތަކުން ނެގޭނެ ވަކި ވަރެއް ކަނޑައަޅާފައި ނޯވެއެވެ. އެހެންނަމަވެސް، ދުވާލެއްގެ މައްޗަށް ނެގެނީ 1600 ޑޮލަރެވެ.