16 Apr 2020, 21:14
ކޮޕެންހަގެންގެ ފޯވާޑް މައިކަލް ސަންޓޯސް ގޯލު ޖެހުމަށްފަހު ސެލަބްރޭޓް ކުރުމުގެ ތެރޭގައި ޕޮލިސް އޮފިސަރަކަށް ހަމަލާ ދިން ކަމަށް ބުނެ ޔޫރޮޕުގެ ތިން މެޗަށް އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށް ޔޫއެފާއިން ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ކުޅުނު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ކޮޕެންހަގެންއާއި ސެލްޓިކް ބައްދަލު ކުރި މެޗުގައި ހިިނގި އެ ހާދިސާގައި، ސަންޓޯސް ވަނީ އޭނަގެ ދެވަނަ ގޯލު ޖެހުމަށްފަހު ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް ހާނިއްކަވާފަދަ އަމަލެއް ކޮށްފަ އެވެ.
އަދި އެމައްސަލަ ތަހުގީގުކޮށް ސަންޓޯސްއާއި އެ ކުލަބުގެ ސްޓެވާޑަކަށް ޔޫއެފާއިން އަދަބު ދީފައިވާ ކަމަށް ކޮޕެންހަގެންއިން ވަނީ ބުނެފަ އެވެ.
ކުޅުމުން ބޭރުގައި، މީހަކަށް ހަމަލާދިން ކަމުގެ ކުށުގައި ކޮޕެންހަގެންގެ ކުޅުންތެެރިއަކަށް އަދަބު ދީފައިވާކަމަށް ޔޫއެފާއިން ވެސް ބުނެފައިވާ އިރު އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށައަޅާނެ ކަމަށް ކޮޕެންހަގެންއިން ވަނީ ބުނެފަ އެވެ.
"އެ މެޗުގައި ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު ވަކި ކުޅުންތެރިއަކު ކުއްވެރިކުރެވޭނެ ކަމަށް ނުފެންނާތީ ޔޫއެފާ ގާތުން މައްސަލަ އިސްތިއުނާފް ކުރުމަށް ވާނީ އެދެފަ،" ކޮޕެންހަގެނުން ބުނެފައިވެއެވެ.
މި މައްސަލަ ސްކޮޓްލޭންޑްގެ ޕޮލިހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
މި ދެ ލީގު މެދުކަނޑާލި އިރު ކުޅެމުން ދިޔައީ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުތަކެވެ. ޖޫން މަހުގެ ނިޔަލަށް މުބާރާތް ފެށޭނެ މާހައުލެއް ނެތް ނަމަ އެ ދެ މުބާރާތް ކެންސަލް ކުރުމަށް ޔޫއެފާއިން މިހާރު ދަނީ ވާހަކަ ދައްކަމުންނެވެ.
ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ޔޫރޮޕުގެ ލީގުތައް މެދުކަނޑާލާފައި އޮންނަތާ މިހާރު މަހެއް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ.