16 Apr 2020, 20:49
އިއްޔެ މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ތިން މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަަށް އެއްބާލުން ދިނުމުގެ ގޮތުން އެ މީހުންނާ ދިމާވެފައިވާ މީހަކު ހުރި ނަމަ 1676 އަށް ގުޅައި އަވަހަށް މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭ އިން އެދިއްޖެ އެވެ.
މާލެއިން އިއްޔެ އެންމެ ފުރަތަމަ ޕޮޒިޓިވްވި "ޕޭޝަންޓް21" އަކީ، މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. ދެވަނަ އަށް ޕޮޒިޓިވްވީ އޭނާގެ ތުއްތު ދަރިފުޅެވެ. އެއީ "ޕޭޝަންޓް22 އެވެ. ދެން ޕޮޒިޓިވްވި މީހާ އަކީ ވެސް "ޕޭޝަންޓް21" އާ ބައްދަލުވި މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެއީ "ޕޭޝަންޓް23"އެވެ.
އެޗްޕީއޭ އިން މިރޭ ބުނީ 1676 އަށް ގުޅައިގެން ނުވަތަ[email protected]އަށް މެއިލްކޮށްގެން ވެސް އެ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، "ޕޭޝަންޓް21"ގެ ކިބައިން ވައިރަހުގެ އަލާމާތްތައް ފެނުނީ، މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި "ޕޭޝަންޓް23"ގެ ކިބައިން އަލާމާތްތައް ފެނުނީ، މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ކޮންޓެކްޓް ޓްރޭސިންނަށް ބޮޑަށް ސަމާލުކަން ދެނީ ހަވަނަ ދުވަހުން ފެށިގެން ކޮންޓެކްޓްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ނަމަވެސް ވޭތުވެދިޔަ 14 ދުވަހު އެމީހުންނާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު ވެސް އެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެެ.
މަބްރޫކު ވިދާޅުވީ، ވޭތުދިޔަ ފަސް ދުވަހު "ޕޭޝަންޓް 21" އަދި ޕޭޝަން23"އާ 305 މީހަކު ކޮންޓެކްޓްވެގެން އެކަހެރިކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހައިރިސްކު އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނޭ 157 މީހުން ވަނީ ކަރަންޓީން ފެސިލިޓީސްތަކުގައި އެކަހެރިކޮށްފައެވެ. ހައި ރިސްކް ކެޓަގަރީގައި 82 މީހަކު ހިމެނެއެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ހިމެނެނީ، 71 މީހެވެ. އަދި ލޯ ރިސްކް ކެޓަގަރީގައި ހިމެނޭ 89 މީހަކު ވަނީ، ގޭގައި އެކަހެރިކޮށްފައެވެ.
ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުންނަށް އެ މީހުންނާ ކޮންޓެކްޓްވެފައި ވަނީ މަސް ދަތުރު ދިޔުމާއި ޕާޓީ ފަދަ ތަންތަނުންކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ މީގެ ކުރިންވެސް ގޭގައި ތިބެން އިލްތިމާސް ކުރީ އެފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ.
މާލެ އިން ފެނުނު ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް އިއްޔެ މެންދުރު 3:30ގައި މާލެ ސަރަހައްދު 24 ގަޑިއިރަށް ގެނައި ލޮކްޑައުން ވަގުތު، މާދަމާ 3:30 އަށް އެޗްޕީއޭ އިން މިއަދު ވަނީ އިތުރުކޮށްފައެވެ.
މާލެއިން މިހާތަނަށް ތިން މީހަކު ޕޮޒިޓިވްވެފައިވާއިރު ގިނަ ސާމްޕަލްތަކެއް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެނެވެ. ޕޮސިޓިވްވި ތިން މީހުން މިހާރު ތިބީ ފަރުކޮޅުފުށި އައިސޮލޭޝަންގަ އެވެ. އަދި އެ މީހުންނާ ކޮންޓެކްޓް ވެެެގެން އަލާމާތްތައް ފެނުނު 14 މީހަކު ރޭ ވަނީ ހުޅުލޭ އައިސޮލޭޝަން ފެސިލީޓީގައި އައިސޮލޭޓްކޮށްފައެވެ. އެމީހުންގެެންގެ ޓެސްޓުގެ ނަތީޖާ އަދި ނުލިބެއެވެ.
މިހާތަނަށް ޖުމްލަ 22 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު، 13 ބިދޭސީއަކާއި ތިން ދިވެހީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ.