ގްރޭޓާ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ ޑައިލީސިސް ޑިޕާޓްމެންޓް ހުޅުވިފައި ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އިއްޔެ މެންދުރުން ފެށިގެން މާލެ ހުޅުމާލެ އަދި ވިލިނގިލި ލޮކްޑައުން ކޮށްފައިވާއިރު އެ މުއްދަތު ވަނީ އިތުރު 24 ގަޑިއިރަށް އިތުރު ކޮށްފަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، ލޮކްޑައުން މުއްދަތުގައި އެ ހޮސްޕިޓަލުގެ ޑައިލީސިސް ޑިޕާޓްމެންޓް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކަމަށެވެ. އެ ދުވަސްތަކުގައި ހެނދުނު 0900 އިން 1200 އަށް އަދި މެންދުރުފަހު 1400 އިން 1900 ޑައިލީސިސް ހެނދޭނެ ކަމަށް ވެސް ޓްރީޓޮޕުން މައުލޫމާތު ދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑައަލިސިސް ޔުނިޓު ފަރުމާކުރެވިފައިވަނީ އެންމެ ޒަމާނީ ޑައިލިސިސް ހަދާ ވަސީލަތްތަކުގެ އެހީގައި ފަރުވާގެ ފުރިހަމަ ނަތީޖާ ނެރުމަށް އަމާޒު ކޮށްގެންނެވެ. މިޔުނިޓުގައި ދުވާލަކު 21 މީހުންނަށް ޑައަލިސިސްގެ ޚިދުމަތް ދެވެންހުންނާނެއެވެ. ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ތަޖުރިބާކާރު ސްޕެޝަލިސްޓް ކޮންސަލްޓަންޓް ނެފްރޮލޮޖިސްޓުންނާއި ހުނަރުވެރި ކްލިނިކަލް ކެއަރ ޓީމެއް ހަރަކާތްތެރިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޑައިލީސިސްއާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބުކިންގް ހެއްދެވުމަށް 3351610 އަށް ގުޅުއްވުމަށް ޓްރީ ޓޮޕުން ވަނީ އެދިފަ އެވެ.