ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާތީ ސަސްޕެންޑުކޮށްފައި ތިބި ސިވިލް ސާވިސް މުވައްޒަފުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރަމުންދާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހުބުގެ ގާނޫނުގައި ބުނާގޮތުން، ސީއެސްސީ މުވައްޒަފަކު ކައުންސިލަކަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑްވާނެ އެވެ.

ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން މިމަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު މި މަހުގެ 18އަށް ފަސްކޮށްފަ އެވެ. ނަމަވެސް ގާނޫނެއް ފާސްކޮށްގެން އަންނަ އަހަރުގެ ޖެނުއަރީ މަހަށް އިިންތިހާބު ފަސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ. އެހެންކަމުން، މިފަހަރުގެ އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އެ މުއްދަތަށް އިތުރުވެ ގެއްލުންވާނެތީ އެ މީހުން ކަންބޮޑުވުން ފާޅުކުރެއެވެ.

އެކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުވައްޒަފުންގެ ސަސްޕެންޝަން އިތުރުވެގެންދާތީ، މުވައްޒަފުންގެ އާސާސީ ހައްގުތައް ގެއްލެމުންދާ ކަމަށާއި، މުވައްޒަފުންނަށް ގިނަ ގެއްލުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި އެ މުވައްޒަފުން ސަސްޕެންޝަންގައި ތިބުމުން، އެ މަގާމުތަކަށް އެހެން މީހުން ނެގެން ނެތުމުން، ބައެއް އިދާރާތަކަށް ހިންގުމުގެ ދަތިކަންވެސް ކުރިމަތިވާ ކަމަށް ސީއެސްސީއިން ބުންޏެވެ.

ސަސްޕެންޝަންގެ މައްސަލައަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނާ މަަޝްވަރާ ކުރަންވެސް މިއަދު ނިންމާފައިވާ ކަމަށް ސީއެސްސީއިން ބުންޏެވެ. އަދި ސަސްޕެންޝަންގެ ސަބަބުން މުވައްޒަފުންނަށް ލިބެމުންދާ ގެއްލުންތަކަށް ގާނޫނި ހައްލެއް ހޯދުމަށް މައްސަލަ ޝަރުއީ މަރުހަލާއަށްވެސް ގެންދަން ނިންމާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. ސަސްޕެންޑު ކުރެވިފައިވާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސީއެސްސީއިން ބުނީ ސަސްޕެންޝަންގެ މައްސަލައަށް ހައްލެއް ގެނައުމަށް އެ ކޮމިޝަނުން މިހާތަނަށްވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން، 22 މާޗުގައި އެކަމުގައި އޭޖީގެ ލަފައަކަށް އެ ކޮމިޝަނުން އެދިފައިވާނެ ކަމާއި، އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ފަސް ކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ މައްސަލައަށް ތަދުއްހުލްވުމަށް ހުށަޅާފައިވާނެކަންވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

އެ ކޮމިޝަނުން ބުނީ، އޭޖީ އޮފީހުން ދިން ލަފައަކީ، ސަސްޕެންޝަންގެ މައްސަލައަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020"އިން ހައްލެއް ލިބިގެންދާނެ ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން ބިލު ފާސް ކުރާ އިރު ލޯކަލް ކައުންސިލުތަކުގެ އިންތިހާބާ ގުޅިގެން ސަސްޕެންޑުވެފައިވާ މުވައްޒަފުންގެ ހައްގުތައް ކަށަވަރުވާ ގޮތަށް ބިލު ފާސް ކުރުމަށް އެދި މަޖިލީހަށް ސިޓީލާފައިވާނެ ކަމަށްވެސް ސީއެސްސީއިން ބުންޏެވެ.