މިހާރު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު އިނގިރޭސިވިލާތުގެ މާބަނޑު ނަރުސް ވިހެއުމުގެ ތެރޭގައި މަރުވި ނަމަވެސް ދަރިފުޅު ސަލާމަތް ވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ލޫޓޮންގެ ޑަންސްޓޭބަލް ޔުނިވާސިޓީ ހޮސްޕިޓަލުގައި ވޭތުވެ ފަސް އަހަރު މަސައްކަތް ކުރި މެރީ އަގްޔޭވާ އަގިއަޕޮންގް ކޮވިޑް-19އަށް ޕޮސިޓިވްވިތާ ދެ ދުވަސް ފަހުން އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ. އޭރު އޭނާ ވިހެއުމަށް ޑޮކްޓަރުން ދީފައިވާ ދުވަސް ގާތް ނުވި ނަމަވެސް ހާލު އިތުރަށް ގޯސްވެދާނެތީ ޑޮކްޓަރުން މަސައްކަތް ކުރީ އޭނާ ވިއްސުމަށެވެ.

ނަމަވެސް މެރީގެ ހާލު ދަށްވެ ސިޒޭރިއަން ހަދަމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. މެރީ މަރުވި ނަމަވެސް ދުވަަސް ނުފުރާ ވިހެއި އޭނަގެ ދަރިފުޅު ޑޮކްޓަރުން ވަނީ ސަލާމަތް ކޮށްފަ އެވެ.

އުމުރުން 28 އަހަރުގެ މެރީގެ ފިރިމީހާ ވެސް ބައްޔަށް ޕޮސިޓިވްވެފައިވާ އިރު އޭނާ މިވަގުތު ހުރީ އެކަހެރިކޮށްފަ އެވެ. އެހެންކަމުން އޭނާގެ ދަރިފުޅު ބެލުމާއި މިވަގުތު ހަވާލުވެ ހުރީ މެރީގެ ބައްޕަ އެވެ.

މެރީގެ ހަނދާނުގައި އޭނަގެ އަންހެން ދަރިފުޅަށް ވެސް މެރީގެ ނަމުން ނަން ދީފައިވާ އިރު އޭނާގެ ދަރިފުޅަށާއި، އާއިލާއަށް ފަންޑު ހޯދުމުގެ ގޮތުން ހޮސްޕިޓަލުގެ ސްޓާފުން ވަނީ ކެމްޕޭނެއް ފަށައިފަ އެވެ.

އެގޮތުން މިހާތަނަށް އެ ފަންޑަށް 17،000 ޕައުންޑް ވަނީ ލިބިފަ އެވެ. ލޫޓޮން އެންޑް ޑަންސްޓޭބަލްގެ ހޮސްޕިޓަލުގެ މުވައްޒަފުން މެރީ ސިފަ ކުރަނީ "އަގުހުރި އަދި އެންމެންގެ ލޯބި ލިބިފައިވާ" ސްޓާފެއްގެ ގޮތުގަ އެވެ.

އިނގިރޭސިވިލާތުގައި ކޮށްފައިވާ ލޮކްޑައުން އިތުރު ތިން ހަފުތާއަށް އިތުރުކޮށްފައިވާ އިރު މިހާތަނަށް 98،476 މީހަކު އެގައުމުން ވަނީ ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފަ އެވެ. އަދި އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 12،868 އަށް އަރައިފަ އެވެ.