މާލެއިން ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނުމާއެކު ބިރުވެރިކަން އިތުރުވި އެވެ. ހާއްސަކޮށް ޓްރެވަލް ހިސްޓްރީއެއް ނެތި، ބަލިޖެހިފައިވާ މީހަކާ ވެސް ބައްދަނުވާ މީހަކު ބައްޔަށް ޕޮޒިޓިވްވުމާ އެކު، ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަން މި ވަނީ ޔަގީންވެފަ އެވެ. އަދި އެއާ އެކު، މާލޭގެ ހާލަތު ބަދަލުކޮށް ރަތް އެލާޓަށް މާލޭގެ އެލާޓް ލެވަލް ވެސް މި ވަނީ ބަދަލުކޮށްފަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސިޓީ އާއި ގުޅިފައިވާ އަވަށްތަކުގެ މަގުތައް މައްޗަށް ނިކުތުން މަނާކޮށް 24 ގަޑިއިރުގެ ލޮކްޑައުން އެއް އިއުލާނު ކުރި އެވެ. އިތުރު 24 ގަޑިއިރަށް ލޮކްޑައުން ދަންމާލާފައިވާއިރު، ހާއްސަ ހުއްދައެއް ލިބިގެން ނޫނީ މަގުމައްޗަށް ނިކުތުމަކީ މަނާކަމެކެވެ. ހުއްދަނެތި މަގުމަތީ އުޅޭނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފަ އެވެ.

މާލެ ލޮކްޑައުން ކުރުމާއެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މާލެ ލޮކްޑައުންކޮށް ބޭރަށް ނިކުތުން މަނާކޮށްފައިވާއިރު އެކަމަށް ބޯ ނުލަބާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެގޮތުން މަގުމަތީ އުޅޭނަމަ، ވަގުތުން ކަރަންޓީން ސެންޓަރަކަށް ގެންދަން ޖެހުނު ކަމުގައިވިޔަސް އެކަންތައް ވެސް މިފަހަރު ކުރައްވާނެ ކަމަށް ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވި ގޮތުގައި މިފަހަރު މިއީ ޓެސްޓެއް ނޫނެވެ.

މަގުމަތީ އުޅުނު ބަޔަކަށް ފުލުހުން ނަސޭހަތް ދެނީ -- ސަން ފޮޓޯ

ނަވީން މިފަދައިން ވިދާޅުވެފައި ވަނީ މީގެ ކުރިން ތިން ގަޑިއިރަށް މާލެ ލޮކްޑައުން ކުރުމުން ވެސް މަގުމަތީ އުޅުނު މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާފައި ނުވާތީ، އެކަމާ މެދު އާންމުން ފާޅު ކުރާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ނަމަވެސް މިއަދުވެސް މާލޭގެ އެކި ގޯޅިތަކުގައި، އެތައް ބަޔަކު ނިކުމެ އުޅެމުންދެ އެވެ. ބައެއް މީހުން ފިހާރަތަކަށް ގޮސް ވިޔަފާރިވެސް ކޮށްފި އެވެ.

ނަމަވެސް، ފުލުހުންގެ މިއަދު ޕްރެސްގައި ހާމަކުރި ގޮތުން މަގުމަތީގައި އުޅެގެން މިހާރުވެސް 100 އެއްހާ މީހަަކަށް ނަސޭހަތް ދީފި އެވެ. ނަމަވެސް އެއްވެސް މީހަކު އަދިވެސް ޖޫރިމަނާއެއް ނުކުރެ އެވެ. ނަސޭހަތް ދީ ދޫކޮށްލަނީ އެވެ. މީގެ ކުރިން ކާފިއު އިއުލާން ކުރުމުން ވެސް މި އަދަދަށް މީހުން މަގުމައްޗަށް ނުކުތެވެ.

އެންފުމެ ފުރަތަމަ މާލޭ ސިޓީގައި ކާފިއު އިއުލާން ކުރަން ފެށީ މިމަހުގެ ދެވަނަ ދުވަހު އެވެ. އަށް ދުވަސް ވަން ދެން ކާފިއު އޭރު އިއުލާނު ކުރީ ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ. އެ އަށް ދުވަހުގެ ތެރޭގައި މަގުމައްޗަށް ނިކުތް މީހުންގެ ތެރެއިން ޖޫރިމަނާކޮށްފައިވަނީ އެންމެ ދެމީހުންނެވެ.

އޭރުގެ ހާލަތަށްވީ، ލޮކްޑައުން ވަގުތު ނިމޭއިރަށް އެތައް ބަޔަކު އެއްފަހަރާ މަގުމައްޗަށް ނިކުތުމެވެ. އެއްވެސް ރައްކާތެރިކަމެއް ނެތި އެތައް ބަޔަކު މަގުތައް މަތީ ތޮއްޖެހުމެވެ. އިއްޔެ 24 ގަޑިއިރަށް ކުރި ލޮކްޑައުން އިތުރު ކޮށް 48 ގަޑިއިރަށް ދަންމާލި ނަމަވެސް ކަމުގެ ބިރުވެރިކަން ހިތަށްވަދެ، ގޭގައި މަޑުވެގެން ތިބޭތަނެއް ނުފެނެ އެވެ.

މާލެ އާއި ހުޅުމާލޭގައިވެސް ދިވެހިންނާއި ބިދޭސިން މަގުމަތީ ހޭލަމޭލައަށް އެބަ އުޅެއެވެ. މަގުމަތި ބަލަހައްޓާ ފުލުހުންވެސް އެމީހުން ކައިރީ ގެއަށް ދިޔުމަށް ބުނުން ނޫން ފިޔަފަވަޅެއް ނާޅައެވެ. ސައިކަލުގައި އުޅޭ މީހުންނާއި ފައިމަގުގައި އުޅޭމީހުންވެސް އެއްވެސް ބިރެއް ނެތި މަގުމަތީ އުޅޭއިރު ފުލުހުން ބުނެފައިވަނީ ކުރިންވެސް އަމަލު ކުރަމުންދިޔަ އުސޫލާ އެއްގޮތަށް ނަސޭހަތް ދޭނެ ކަމަށެވެ.

އޭޕްރީލް 16، 2020: މާލެއިން ކޮވިޑް19އަށް މީހަކު ޕޮޒޮޓިވް ކޭސްއެށް ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކުރިންވެސް އަމަލު ކުރަން ދިޔަ ގޮތަކީ ތިން ފަހަރު ނަސޭހަތް ދީފައި ހަތަރު ވަނަ ފަހަރު ނަސެހަތް ދޭންޖެހޭ ހާލަތުގައި ފައިން ކުރަމުން މިދިޔައީ. އިއްޔެ އިން ފެށިގެން މިހާތަނަކަށް އަދި ފައިން ކުރާ ހިސާބަކަށް އެއްވެސް މީހަކަށް ނަސޭހަތް ދެވިފައެއް ނުވޭ،" ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މުޖުތަމައުގެ ތެރޭ ބަލި ފެތުރެމުންދާކަމުގެ ބިރު އޮތް މި ދަނޑުވަޅުގައި ޒަރޫރީ ބޭނުމެއް ނެތި، ހުއްދަ އާއި ނުލާ މަގުމަތީ ގިނަ ބަޔަކު އުޅޭއިރު، އެމީހުންނާމެދު އެކަށީގެންވާ ހަރުކަށި ފިޔަވަޅު އެޅަުމަށް ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ.

ޒަރޫރީ ބޭނުމަކަށް ގެއިން ބޭރަށް ނިކުމެވޭނި ފުލުހުންގެ ހާއްސަ ހުއްދައެއް އޮވެގެންނެވެ. މީގެ އިތުރުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދޭ ހުއްދައެއް އޮންނަ މީހުން ފިޔަވާ އިތުރު ބަޔަކު މަގުމަތީ އުޅުމަކީ މިވަގުތު މަނާ ކަމެކެވެ.

ނަމަވެސް ފިހާރަތައް ކައިރީ އަދި ކެފޭ ރެސްޓޯރެންޓުތައް ކައިރީ ބޭރުގައި ތިބޭ މީހުންގެ އަދަދު ދަނީ އިތުުރު ވަމުންނެވެ.

މާލެއިން އިއްޔެ ފެނުނު ޕޭޝަންޓް 21 ގެ އިތުރުން އިތުރު ދެ މީހަކަށް ބަލި ޖެހިފައިވާއިރު އޭނާ އާއި ގުޅުންހުރި ހައިރިސްކް 75 މީހުން ފާހަގަވެފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިއަދު ވިދާޅުވި އެވެ.

މި ކޭސް އާއި ގުޅިގެެން މާލެ އާއި ހުޅުމާލެ އަދި އައްޑޫ ސިޓީގެ ގެތަކެއް މޮނީޓާ ކުރަމުންދާއިރު، މިވަގުތަކީ ކަމާބެހޭ ފަރާތްތަކުގެ ބަސް އަހައިގެން ގޭގައި ތިބެންވީ ވަގުތެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވީ މިވަގުތު ބައްޔަށް އޮތް ފަރުވާ އަކީ ގޭގައި މަޑުކުރުން ކަމަށެވެ.