16 Apr 2020, 17:03
މާލެއިން ފުރަތަމަ ކޮވިޑް 19 އަށް ޕޮސިޓިވްވި ކޭސް 21 އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ހައިރިސްކުގެ 75 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.
ނެޝަނަލް އެމަޖެންސީ ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19 އިގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ޕޭޝަންޓް 21 އާ އެކި ލެވެލްގައި ކޮންޓެކްޓް ވެފައިވާ 207 މީހަކު ތިބި ކަމަށެވެ. އޭގެ ތެރޭގައި ހައި ރިސްކް ކޮންޓެކްޓް 75 މީހަކާއި، މީޑިއަމްގެ ކޮންޓެކްޓްގެ 43 މީހަކާއި ލޯ ރިސްކް ގެ 89 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.
ފާހަގަވި ކޮންޓެކްޓްގެ ތެރެއިން ހައި ރިސްކް މީހުންނާއި މީޑިއަމް ރިސްކްގެ މީހުން ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
ތިންވަނަ އަށް ޕޮސިޓިވްވި މީހާ ކޭސް 23 އާ ކޮންޓެކްޓްވި މީހުންގެ ތެރޭގައި ހައި ރިސްކުގެ ހަތް މީހަކާއި މީޑިއަމް ރިސްކުގެ 28 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
އަދި މިހާތަނަށް ކުރި މަސައްކަތުން ޕޭޝަންޓް 21 އަށް ބަލިޖެހިފައި ވަނީ ޕޭޝަންޓް 23 ގެ ފަރާތުން ކަމެއް ނުވަތަ އެ ނޫންގޮތަކަށް ކަމެއް އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
ކޮންޓެކްޓްވި މީހުންނަށް ބަލާއިރު އެމީހުންނާއި ކޮންޓެކްޓް ވެފައިވަނީ މަސް ދަތުރު ދިއުމާ ޕާޓީ ފަދަ ތަންތަނުން ކަން ފާހަގަކޮށް މަބުރޫކު ވިދާޅުވީ މީގެ ކުރިންވެސް ގޭގައި ތިބެން އިލްތިމާސް ކުރީ އެފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ.
މާލެއިން މިހާތަނަށް ތިން މީހަކު ޕޮސިޓިވްވެފައިވާއިރު ގިނަ ސާމްޕަލްތަކެއް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެނެވެ. ޕޮސިޓިވްވި ތިން މީހުން މިހާރު ތިބީ ފަރުކޮޅުފުށި އައިސޮލޭޝަންގަ އެވެ.