މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ޕަބްލިކް ފެރީތަކާއި ބަސް ތަކުގައި ދަތުރު ކުރެވޭނީ ހަމަ އެކަނި ފާސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި ސިޓީ ކައުންސިލުން ގުޅިގެން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާ ވިދާޅުވީ، ޕަބްލިކް ޓްރާންސްޕޯޓް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށާއި ނަމަވެސް އެ ދަތުރުތައް ފަށަނީ އާންމުން ގޮވައިގެން ދަތުރު ކުރުމަށް ނޫން ކަމަށެވެ.

"އެއީ އާންމު ދަތުރުފަތުރަކަށް ނޫން. އެކި އެކި ބޭނުންތަކަށް އާންމުންނަށް ހިދުމަތްދިނުމަށްޓަކައި މިއަންނަ އެކި އެކި އޮފިޝަލުންނަށް އެކަން ކުރުމަށްޓަކައި،" ޝިފާ ވިދާޅުވި އެވެ.

ދަތުރުތައް އޮންނަ ގަޑިތައް:

ވިލިމާލެ – މާލެ (ފުރުން ހެނދުނު 7:00 ޖަހާއިރު)

މާލެ – ވިލިމާލެ ( ފުރުން ހެނދުނު 8:30 ޖަހާއިރު)

" ދެން ހަމަ ނުވައެއް ޖަހާއިރު އެބައޮތް ދެން ތިނެއް ޖާހާއިރު އެބައޮތް 4:30 ގައި މާލެ އާދެވޭނެ. ދެން ހަމަ 23:00 ގައި ވެސް އެބައޮތް ވިލިމާލެ އިން މާލެ އައުމުގެ ފުރުސަތު،" ޝިފާ ވިދާޅުވި އެވެ.

ހުޅުމާލެ އާއި މާލެއާ ދެމެދު ފަސް ގަޑިއެއްގައި ބަސް ދަތުރު ކުރާނެ ކަން ޝިފާ ފާހަގަ ކުރެއްވި އެވެ. އެއީ ހެނދުނު 6:45 އާއި 9:00 އާއި 1:30 ގެ އިތުރުން ރޭގަނޑު 22:30 ގައި ކަމަށެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ދޫކޮށްފައިވާ ފާހުގެ އިތުރުން، ކޮންމެހެން ދޭން ޖެހޭ އަސާސީ ހިދުމަތް ދޭ ފަރާތްތަކަށް ދޫކޮށްފައިވާ ފާސް އޮންނަ ފަރާތްތަކަށް ވެސް ފެރީ ބޭނުން ކުރެވޭނެ ކަން ޝިފާ ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ވެމްކޯ އާއި އައިޖީއެމްޗެގެ ސްޓާފުންގެ އިތުރުން ހޮސްޕިޓަލްގައި އެނދުމަތި ކޮށްފައިވާ ފަރާތަތަކަށް އެތަނުން ދީފައިވާ ފާސް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

"މިސާލެއްގެ ގޮތުން ކާތަކެތި ހިފައިގެން އެހީތެރިއެއްގެ ގޮތުން ހޮސްޕިޓަލަށް ދާ ފާރްތަތަކަށް ހަތަރު ދަމު ހުންނަން ވެއްޖިއްޔާ އޭނަ ކޮންމެ ގޮތެއް ވިޔަސް ގެއަށް ދާން އެބަ ޖެހޭ. އެހެންކަމަށް ވަންޔާ ހޮސްޕިޓަލުން ދޭނެ ފާހެއް ކުރީގައި ވެސް ދޭނެ އެހީތެރިއެއްގެ ފާސް. އެހެންވީމަ އެ ފާސް ދެއްކީމަ އެ ގަޑިއެއްގަ އެ އޮންނަ ފެރީއަކަށް އެރޭނެ،" ޝިފާ ވިދާޅުވި އެވެ.

"އެގޮތުން ފެރީ ސާވިސްތައް މި އޮންނަނީ ހެލްތުގެ ބޭފުޅުން މި ދަތުރުތައް ކުރައްވަން ޖެހިވަޑައިގަންނަވާތީއާ އަދި ހަމަ އެހެންމެ ކޮންމެހެން ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދޭން ޖެހޭ ފަރާތްތަކުގެ ފާސްތަކެއް ހުންނާނެ،" ޝިފާ ވިދާޅުވި އެވެ.