16 Apr 2020, 16:41
ލޮކްޑައުންގެ ހާލަތުގައި ގޭގެއަށް ތަކެތި ޑެލިވަރީކޮށްދޭން އެއްބަސްވެ، ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ވެފައިވާ ކަންމަތީ ފިހާރަތަކަށް ހުއްދަ ނުލިބުމުގެ މައްސަލަ މިރޭ އަށެއްގެ ކުރިން ހައްލުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މިއަދު ޑެލިވަރީގެ ހިދުމަތް ދިނުމުގައި ދަތިކަމެއް އައީ ކަންމަތީ ފިހާރަތައް ހުޅުވަން ދާން ދަތިވުމާއި، ކަންމަތީ ފިހާރަތަކަށް އެއްފަަހަރާ ފާސް ދޫނުކުރެވުން ކަމަށެވެ.
އަދި މިހާރު އެ މައްސަލަތައް ހައްލު ކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިރޭ އަށެއްގެ ކުރިން ކަންމަތީ ފިހާރަތަކަށް ފާސް ދޫކުރެވޭނެ ކަމުގެ ޔަގީންކަން ޝިފާ ދެއްވިއެވެ.
ޝިފާ ވިދާޅުވީ ކޮވިޑް19އާ ގުޅިގެން ލޮކްޑައުން ކުރެވޭ ހާލަތެއްގައި ތަކެތި ފޮނުވައިދޭނެ ފިހާރަތަކުގެ މައުލޫމާތު މާލެ ސިޓީ ކައުންސިލުން އެއްކޮށްފައިވާ ކަމަށާއި، އަދި ގިނަ އަދަދެއްގެ ފިހާރަތަކުން އެ ހާލަތުގައި ޑެލިވަރީކޮށްދޭނެ ކަމުގެ ޔަގީންކަންދީ، ކައުންސިލުގައި ރަޖިސްޓްރީ ވެފައިވާ ކަމަށެވެ.
އަދި މިރޭ ފާސްދޫކުރާނީ ވެސް، އެ ޔަގީންކަން ދީ، ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފިހާރަތަކާއި މިހާރު ރަޖިސްޓްރީވަމުން އަންނަ ފިހާރަތަކަށް ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިރޭ އަށެއް ޖަހަން ވާއިރަށް ޑެލިވާ ކުރުމުގެ އިޝޫތަކަށް، ފާސް ނުލިބިގެން އުޅޭ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ،" ޝިފާ ވިދާޅުވިއެވެ.
ޝިފާ މިއަދު ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ އަދަދެއްގެ ފިހާރަތަކަށް ފުލުހުން ފާސް ދޫކޮށްފައިވާ ކަަމަށާއި، ކާފިއު ހިންގި އިރު ދޫކުރި ފާސްތަކަށް ވެސް ފުލުހުން ރިއާޔަތް ކުރާ ކަމަށެވެ.
ޝިފާ ވިދާޅުވީ ކަންމަތީ ފިހާރަތަކަށް ފާސް ދޫކުރެވި، އެ ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ފެށޭގޮތް ވުމުން މިހާރު ދިމާވެފައިވާ ދަތިކަމަށް ހައްލު ލިބޭނެ ކަމަށެވެ.
"އެގޮތަށް ހުށަހަޅާފައި ހުރި ހުރިހާ ފަރާތްތަކަށް ވެސް ކަންމަތީ ފިހާރަތައް ހުޅުވުމަށްޓަކައި ފާސް ދޫކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައި. އެ ފާސް ބަލައި ތިބޭފުޅުން ވަޑައިގަންނަވާނީ ފުލުހުންގެ ޓޯޔާޑަށް،" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ކޮންމެ ފިހާރައަކަށް ވެސް ދޭއް ނުވަތަ ތިން ފާސް ދޫކުރާނެ ކަމަށާއި، އަމާޒަކީ ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށްދީ ރައްޔިތުންނަށް ހުރި ދަތިކަން ފިލުވައިދިނުން ކަމަށެވެ.
"ކަންމަތީ ފިހާރަތައް އަވަހަށް ހުޅުވާލީމާ ރައްޔިތުންގެ މިހާރު މި ހުރި ދަތިވާ ކަންތައްކަށް ވަރަށް ބޮޑަށް ހައްލު ލިބޭނެ،" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވަނީ ހުއްދަ ލިބޭ ފިހާރަތަކުން، ސިޓީ ކައުންސިލަށް ދީފައިވާ ޔަގީންކަމާއެކު ގަޑިއަށް ހިދުމަތް ދޭން ފަށާ ގެތަކަށް ތަކެތި ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.
ޝިފާ ވަނީ ސިޓީ ކައުންސިލުގައި ފާސް ދޫކޮށްފައިވާ ހުރިހާ ފިހާރަތަކާއި، ފިހާރަތަކުގެ ނަންބަރުތައް ފެންނާނެ ގޮތް ހެދުމުގެ އިތުރުން، ވަކި ހާއްސަ އެޕްލިކޭޝަނެއްގެ މަސައްކަތް ވެސް ކައުންސިލުން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެކަމަށް އަދި ދެ ދުވަހެއް ވަރު ނަގާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބުނީ ލޮކްޑައުން ކުރާ ހާލަތެއްގައި މާލޭގެ 269 ފިހާރައަކާއި ވިލިމާލޭގެ 20 ފިހާރައަކުން ތަކެތި ފޮނުވައިދޭން އެއްބަސްވެފައިވާ ކަމަށެވެ.
ތަކެތި ފޮނުވައިދޭން އެއްބަސްވި ފިހާރަތަކުގެ ތެރެއިން މާލޭގެ 202 ފިހާރައަކާއި ވިލިމާލޭގެ 17 ފިހާރައަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ.
ލޮކްޑައުން ހާލަތުގައި ހުޅުމާލޭގެ ގެތަކަށް މުދާ ފޮނުވައިދޭނެ ފިހާރަތައް ދެނެގަތުމަށްޓަކައި އެޗްޑީސީން ވެސް މިފަދަ ސާވޭއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެ ސާވޭގައި ހުޅުމާލޭގެ 90 ފިހާރައެއްގެ މައުލޫމާތު އެއްކުރި އެވެ. އޭގެ ތެރެއިން ލޮކްޑައުން ހާލަތުގައި 73 ފިހާރައަކުން ގެތަކާ ހަމައަށް މުދާ ފޮނުވައިދޭން އެއްބަސްވިއިރު، 63 ފިހާރައަކުން އޮންލައިންކޮށް ފައިސާ ދެއްކޭނެއެވެ.
މާލެއިން ކޮވިޑް19 އަށް މީހަކު ފުރަތަމަ ފަހަރަށް ޕޮޒިޓިވް ވުމާ ގުޅިގެން، އިއްޔެ ވަނީ 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ. އަދި މިއަދު ވަނީ އެ މުއްދަތު އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.