އެމެރިކާގެ އެލްއޭ ގެލެކްސީގެ ފޯވާޑް ލެންޑަން ޑޮނަވަން އަނެއްކާ ވެސް ލޯނުގެ ދަށުން އިނގިރޭސި ވިލާތުގެ އެވަޓަން އާއި ގުޅިއްޖެ އެވެ.

މީގެ ދެއަހަރު ކުރިން ލޯނުގެ ދަށުން އެވަޓަން އާއި ގުޅުމަށް ފަހު މިފަހަރު އެކުލަބާއި ޑޮނަވަން ގުޅުނީ ދިހަ ހަފްތާ އަށެވެ. ޑޮނަވަން އަށް ޖެނުއަރީ ހަތަރެއް ގައި ބޮލްޓަން އާއި ދެކޮޅަށް ކުޅޭނެ އެވެ. ލޯނުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ 25 ގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗަށް ފަހު އެވެ.

"އެނބުރި އެވަޓަން އަށް އައިސް، އަހަރެން އިޚްތިރާމް ކުރާ ޓީމަކަށާއި ކޯޗެއްގެ ދަށުން ކުޅެން ލިބުނު ކަމަށް އުފާ ކުރަން. 2010 ވަނަ އަހަރު އެވަޓަން އާއި ގުޅުމަށް ފަހު ގިނަ ކާމިޔާބީ ތަކަކާއި ތަޖުރިބާތަކެއް ލިބުނު. މިފަހަރު ވެސް އެފަދަ ކާމިޔާބީ ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރަން." ޑޮނަވަން ބުންޏެވެ.

އެންމެ ފަހުން ޑޮނަވަން އެވަޓަން އާއި ގުޅުނު ދުވަސްކޮޅުގެ ތެރޭގައި ވަނީ އެކުލަބުގެ ސަޕޯޓަރުންގެ ތާއީދު ވެސް ހޯދާފަ އެވެ. 2010 ވަނަ އަހަރު އެވަޓަން އަށް ކުޅުނު ތޭރަ މެޗުގައި ޑޮނަވަން ވަނީ ދެ ގޯލު ކާމިޔާބު ކޮށްދީފަ އެވެ.