16 Apr 2020, 16:12
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން ލޮކްޑައުން އިއުލާންކުރި ފަހުން، ގެވެށި އަނިޔާގެ ޝިކާރައަށްވެ މަރުވި އަންހެނުންގެ އަދަދު ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގައި ގިނަ ވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި، ސެންސަސް އަށް ބަލައި ގެވެށި އަނިޔާގެ ސަބަބުން މަރުވާ އަންހެނުންގެ ކޭސްތައް ރެކޯޑުކުރާ، ގެވެށި އަނިޔާގެ ޗެރިޓީ، ނިއާ، ގެ ޗީފް އެގްޒެކިއުޓިވް ކޭރެން އިންގަލާ ސްމިތު ވިދާޅުވީ މިއަހަރުގެ ލޮކްޑައުންގެ މުއްދަތުގައި ފެމިސައިޑް ނުވަތަ ފިރިހެނުންގެ އަތުން މަރުވެފައިވާ އަންހެނުންގެ ކޭސްތައް ވަރަށް ގިނަ ކަމަށެވެ.
ސެންސަސް އާއި އިތުރު ރިޕޯޓުތަކަށް ބަލާ ނަމަ މިދިޔަ މަހުގެ 23 އިން ފެށިގެން މި މަހުގެ 12ގެ ނިޔަލަށް ވަނީ ޔޫކޭގައި ގެވެށި އަނިޔާގައި 16 އަންހެނެއް މަރާލާފައިވާ ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފެންމަތިވެފަ އެވެ.
އިންގަލާ ސްމިތު ވިދާޅުވެފައިވަނީ ޔޫކޭގެ ލޮކްޑައުންގެ މުއްދަތުގައި މަރާލާފައިވާ އަންހެނުންގެ ކޭސްތަކަކީ ފާއިތުވި 11 އަހަރުގެ ތެރޭގައި އެފަދަ މައްސަލަތަކެއް އެންމެ ގިނައިން ފެންމަތިވި މުއްދަތު ކަމަށެވެ.
ނަމަވެސް އިންގަލާ ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިތުރަށް އަނިޔާވެރި ފިރިހެނުން އުފެދުނީ ނޫން ކަމަށެވެ. އެހެންނަމަވެސް އެމީހުންނަކީ މީގެކުރީން ވެސް އަނިޔާވެރިކަމުގެ ރެކޯޑުތަކެއް އޮތް ބައެއް ކަަމަށް އޭނާ ވިދާޅުވި އެވެ.
"މި މީހުންނަކީ މީގެކުރީންވެސް އަނިޔާވެރި ބައެއް. ނަމަވެސް ލޮކްޑައުންގެ ސަބަބުން އެމީހުންނަށް އިތުރު ބަހަނާތައް ލިބުނީ ގޭގައި ހުރެ އަންހެނުންނަށް އަނިޔާވެރިވުމަށް." އިންގަލާ ސްމިތު ވިދާޅުވި އެވެ.