މާލޭ ސަރަހައްދުގެ ލޮކްޑައުންއާ ގުޅިގެން، މަގުމަތިވެ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި 46 ދިވެހިން ހިމެނޭކަމަށް ފުލުހުން ބުނެފި އެވެ.

މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ފުލުހުންނާއި، ޖެންޑާ މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން ވަނީ މަގުމަތިވެފައި ތިބި މީހުން ހޯދައި އެމީހުންނަށް އެހީތެރިވުމުގެ މަސައްކަތް ފަށައިފައެވެ.

އެގޮތުން މިހާތަނަށް ގެދޮރު ނެތި މަގުމަތިވެފައި ތިބި 48 މީހަކު ހޯދާ، ސަރުކާރުން ހަމަޖައްސާފައިިވާ ވަގުތީ ހިޔާތަކަށް އެމީހުން ވަނީ ގެންގޮސްފައެވެ.

ފުލުހުން މިއަދު ބުނީ އޭގެތެރޭގައި 46 ދިވެހީންނާއި ދެ ބިދޭސީން ހިމެނޭ ކަމަށެވެ. މަގުމަތިވެގެން އެހީތެރިކަން ފޯރުކޮށްދިން ދިވެހިންގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި 44 ފިރިހެނުންނެވެ.

އެ އެންމެން ވެސް މިވަގުތު ތިބީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. އެމީހުންނަށް ވަގުތީ ހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ އިތުރުން، ކެއުމުގެ ކަންތައްތައް ވެސް އަންނަނީ އިންތިޒާމް ކޮށްދެމުންްނެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނީ މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިހާތަނަށް މާލެއިން ބަލި ޖެހިފައިވާ ތިންް މީހަކު ފެނިފައިވާއިރު، ލޮކްޑައުންގެ މުއްދަތު ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.