އިނގިރޭސިވިލާތުގެ އަސްކަރިއްޔާގައި ހިދުމަތް ކުރި 99 އަހަރުގެ ކެޕްޓަން ޓޮމް މޯ، 25 މީޓަރުގެ ސަރަހައްދެއްގައި 100 ބުރު ޖެހުމުގެ ޗެލެންޖެއް ކާމިޔާބުކޮށްގެން އެގައުމުގެ ސިއްހީ ހިދުމަތްތެރިންނަށް ދޭން 15 މިލިއަން ޑޮލަރުގެ ފައިސާ އެއްކޮށްފި އެވެ.

ކެޕްޓަން މޯއަށް މިމަހުގެ 30ގައި 100 އަހަރު ފުރުމުގެ ކުރިން، އޭނާގެ ގޭގައި އޮންނަ ބަގީޗާ ތެރޭ 100 ބުރު ޖަހަން ޗެލެންޖެއް ފެށީ މިދިޔަ ހަފްތާގަ އެވެ. އޭރު އޭނާ އެދުނީ އެ ޗެލެންޖާއެކު ފެށި އޮންލައިން ފަންޑްރެއިޒާއަށް މީހުން 1،248 ޑޮލަރު ހަދިޔާ ކުރުމަށެވެ. އެއީ މޯއަށް ކެންސަރު ޖެހުމުންނާއި އުނަގަނޑުގެ އޮޕަރޭޝަން ކުރުމުން އޭނާއަށް ފަރުވާ ދިން ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)ގެ މުވައްޒަފުންނަށް ހަދިޔާ ކުރުމަށްޓަކަ އެވެ.

ނަމަވެސް އެ ފަންޑުރެއިޒާ ފެށިތާ 24 ގަޑި އިރު ތެރޭ 1،248 ޑޮލަރުގެ އަމާޒަށް ވާސިލުވި އެވެ. އަދި މިއަދު މޯގެ 100 ބުރު ޖެހުމުގެ ޗެލެންޖު ނިމުނު އިރު 657،000އަށް ވުރެ ގިނަ މީހުން ހަދިޔާ ކުރި ފައިސާގެ އަދަދު ވަނީ 15 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ކެޕްޓަން މޯ މިއަދު 100 ވަނަ ބުރު ފުރިހަމަ ކުރި އިރު ސިފައިން ވަނީ ގާޑް އޮފް އޮނާއެއްވެސް އޭނާއަށް ދީފަ އެވެ. އަދި އެންއެޗްއެސްގެ ސިއްހީ ހިދުމަތްތެރިންނާއި ސިޔާސީ އިސް ފަރާތްތަކުންވެސް ވަނީ މޯގެ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

ކެޕްޓަން ޓޮމް މޯ ވަނީ އިނގިރޭސި އަސްކަރިއްޔާގައި ހިދުމަތްކޮށްފަ -- ފޮޓޯ: ކެޕްޓަންޓޮމްމޯ

އެ ޗެލެންޖު ނިންމާލުމަށް ފަހު މޯ ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ގައުމު ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި އުއްމީދު ގެއްލުވާ ނުލުމަށް އެދިފަ އެވެ.

"އަހަރެންގެ ހާލު ރަނގަޅު. އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އުއްމީދު ކުރަން. އެންމެންވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ އަހަރެމެން މިކަމުން އަރައިގަންނާނެކަން، ހުރިހާ ކަމެއްވެސް އަދި ރަނގަޅުވާނެ،" މޯ ބުންޏެވެ.

ކެޕްޓަން މޯ ވަނީ އޭނާ އިނގިރޭސި އަސްކަރިއްޔާގައި މަސައްކަތް ކުރި އިރު ދެވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވެފަ އެވެ.

ކެޕްޓަން މޯގެ ފަންޑްރެއިޒާއަށް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރަން ހަމަޖެހިފައި ވަނީ 'އެންއެޗްއެސް ޗެރިޓީސް ޓުގެދާ' އެސޯސިއޭޝަނަށެވެ. އަދި އެ ފައިސާއިން ގައުމީ ސިއްހީ ހިދުމަތާ ގުޅުން ހުރި 150 ޗެރިޓީއަކަށް ފައިސާ ދެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 99،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 12،800އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް މިދިޔަ މަހުގެ 23ގައި ގައުމު ލޮކްޑައުންކޮށް، ޒަރޫރީ ހިދުމަތްދޭ ތަންތަން ފިޔަވާ ހުރިހާ ވިޔަފާރިތައް ވަނީ ބަންދުކޮށްފަ އެވެ.