ވޮޝިންޓަން (16 އެޕްރީލް 2020) : އެމެރިކާ ސަރުކާރުގެ ހުސްވެފައިވާ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ވައިޓް ހައުސްއިން ކުރާ މަސައްކަތަށް ކޮންގްރެސް އިން ހުރަސް އަޅާ ނަމަ ކޮންގްރެސްގެ ދެ ގޭގެ މަސައްކަތް ހުއްޓުވާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

އެމެރިކާގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮރޯނާ ވައިރަސް އެކްޝަން ޓީމާއެކު ވައިޓް ހައުސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ސަރުކާރުގައި ހުސްވެފައިވާ ސިޔާސީ މަގާމުތަކަށް ގިނައިރު އެމަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް އޭނާ ކުރައްވާ މަސައްކަތަށް ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮން ރެޕްރެޒެންޓެޓިވް އިންނާއި ސެނެޓުން ހުރަސްއަޅާ ކަމުގަ އެވެ.

ޓްރަމްޕް ވިދާޅުވީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ނުކޮށް އެމެރިކާގެ މައި ސަރުކާރު ހިންގަން ދަތިވާކަމަށާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށްވެސް އެކަމުގެ ސަބަބުން ދަތިވާ ކަމުގަ އެވެ. އެހެންކަމުން ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ކޮންގްރެސް އިން ހުރަސްއަޅާ ނަމަ ކޮންގްރެސްގެ ދެގޭގެ މަސައްކަތް ހުއްޓުވާނެކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެކަށްވާއިރު ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ކޮންގްރެސް އާ ދެކޮޅަށް މިފަދަ އިންޒާރެއް ދެއްވި ފުރަތަމަ ރައީސެވެ. އެެމެރިކާގެ މުއައްސިސުން އެގައުމުގެ ދަސްތޫރު ބައްޓަން ކޮށްފައި ވަނީ ދައުލަތުގެ ތިންބާރު ވަކިކޮށް އެއްބާރަށް ހުއްޓުވުމުގެ ނުވަތަ އުވާލުމުގެ ގާނޫނީ ބާރު އަނެއްބާރަށް ނުލިބޭ ގޮތަށެވެ.

ނަމަވެސް ނާދިރު ހާލަތްތަކުގައި ރައީސް މަގާމުން ދުރުކުރުމުގެ ބާރު ކޮންގްރެސް ލިބިފައިވާ ފަދައިން ކޮންގްރެސްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުވުމުގެ ކުޑަބާރެއް އެމެރިކާގެ ރައީސަށްވެސް ލިބެއެވެ. ނަމަވެސް ކޮންގްރެސްގެ އުވާލުމުގެ ބާރެއް ރައީސަކަށް ނުލިބެއެވެ. އަދި ދިގުމުއްދަތަކަށް ކޮންގްރެސްގެ މަސައްކަތް ހުއްޓުވުމުގެ ބާރު ރައީސަށް ވެސް ނުލިބެ އެވެ. ވަރަށް ނާދިރު ޙާލަތެއްގައި ރައީސަށް ލިބެނީ ވަރަށް ކުރުމުއްދަތަކަށް (ވަގުތީ ގޮތުން) ކޮންގްރެސްގެ މަސައްކަތް ހުއްޓުވާފައި ބޭއްވުމުގެ ބާރެކެވެ.

ކޮންގްރެސްގެ މަސައްކަތް ހުއްޓުވާ ކުރު މުއްދަތުގައި ކޮންގްރެސްގެ ރުހުމާނުލައި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބެ އެވެ.

އެމެރިކާ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ކޮންގްރެސް އިން ހުރަސްއަޅާ ކަމަށް ޓްރަމްޕް ވިދާޅު ވަނީ ސިޔާސީ އިސް ބައެއް މަގާމުތަކަށް އައްޔަން ކުރާ ބޭފުޅުންނަކީ ކޮންގްރެސްގެ ރުހުން އޮންނަ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށް އެމެރިކާގެ ދަސްތޫރު ބުނާއިރު ބައެއް ބޭފުޅުންނަށް ރުހުން ދިނުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމާ އަދި ރުހުން ދިނުމުގެ ކަންތައް ކޮންގްރެސް އިން ލަސްކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މިކަން ބޮޑަށް ކުރަނީ އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އަޣްލަބިއްޔަތު އޮންނަ ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް އިންކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މިމައްސަލާގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މެންބަރުންގެ ގޮތުގައި ތިއްބެވި އިދިކޮޅު ޑިމޮކްރެޓިކް ލީޑަރުން ވިދާޅުވާގޮތުން އެކަން އެގޮތަށް ދިމާވަނީ މަގާމަށް ކުފޫ ހަމަނުވާ ބޭފުޅުންނާއި މަގާމަށް ޝަރުތު ހަމަނުވާ ބޭފުޅުން އެމެރިކާގެ އިސް ސިޔާސީ މަގާމުތަކަށް އައްޔަން ކުރަން ޓްރަމްޕް މަސައްކަތް ކުރައްވުމާ ގުޅިގެންނެވެ. މިއީ ޓްރަމްޕަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާކަމެއްނޫން ކަމަށާއި ޓްރަމްޕްގެ މައްސަލައަކީ އެމެރިކާގެ ގާނޫނުތަކާއި ގަވައިދުތަކުގެ މަތީގައި އުޅުއްވަން ބޭނުންފުޅުވުންކަމަށް އިދިކޮޅު ޑިމޮކްރެޓިކް ލީޑަރުން ވިދާޅުވެ އެވެ.

ކޮވިޑް-19ގެ ސަބަބުން އެމެރިކާގެ ރައްޔިތުން ހާހުން ކޮންމެ ދުވަހަކު މަރުވަމުންދާއިރު އެ ރޯގާ ކޮންޓްރޯލްކޮށް އެމެރިކާެގެ ރައްޔިތުން ޙިމާޔަތް ކުރުމުގައި ޓްރަމްޕާއި އޭނާގެ ޓީމާއި އޭނާގެ ސަރުކާރުވަނީ ނާކާމިޔާބުވެފަ އެވެ. މިނާކާމިޔާބީއާ ގުޅިގެން އެމެރިކާގެ އެތެރޭގައި ޓްރަމްޕާއި ޓްރަމްޕްގެ ސަރުކާރު ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ.

މިއާ އެކު ޓްރަމްޕާއި އޭނާގެ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިން ގެންދަވަނީ އެ ނާކާމިޔާބީގެ ޒިންމާ ޗައިނާއާއި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ ބޮލުގައި އަޅުވައި މަސްއޫލިއްޔަތުން ރެކިވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންނެވެ.

ކޮންގްރެސްގެ ދެ ގޭގެ މަސައްކަތް ހުއްޓުވާނެކަމުގެ އިންޒާރު ދެއްވިއިރު ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ކޮންގްރެސް އާ ދެކޮޅަށް މިފަދަ އިންޒާރެއް ދެއްވި ފުރަތަމަ ރައީސެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބުވި މައްސަލާގައި ޓްރަމްޕާއި އޭނާގެ ޓީމު ކަންބޮޑުވަނީ އެކަމުގެ ސަބަބުން ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ނާކާމިޔާބީއާ ކުރިމަތި ލައްވަން ޖެހިވަޑައިގަންނަވާނެ ކަމުގެ ބިރު ހީވަމުންދާތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މިމައްސަލާގައި ޓްރަމްޕާއި އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުން ނާ ދެމެދު ވަރުގަދަ ކޯޅުމެއް ދަނީ ހިނގަމުންނެވެ. (ނޫސްއެޖެންސީތައް)