ޖަޕާނު ސަރުކާރުގެ ހިލޭއެހީގައި ރާއްޖޭގައި ހިންގާ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ޕައިލޮޓް ޕްރޮޖެކްޓްގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފުރާޅުގައި މިއަދު ސޯލާ ޕެނަލް ހަރުކޮށްފި އެވެ.

ޖަޕާނުގެ އިންޖިނޭރުންގެ އެހީއާ އެކު ރައީސް އޮފީހުގެ ފުރާޅުގައި މިއަދު ސޯލާ ޕެނަލް ހަރުކުރި އިރު އެ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި އެންވަޔަރްމަންޓް މިނިސްޓަރު މުހައްމަދު އަސްލަމް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.

ސޯލާ ޕެނަލް ހަރުކުރުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސޯލާ ޕެނަލް ހަރުކޮށްގެން މާލެ އަށް ބޭނުންވާ 40 މެގަވޯޓްގެ ކަރަންޓްގެ، 30 ޕަސެންޓް އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި އުފެއްދޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމިންވަރުގެ ހަކަތަ އުފެއްދުމަށް ހަރަދުކުރަން ޖެހޭނީ ގާތްގަނޑަކަށް 70 މިލިޔަން ޑޮލަރު ކަމަށާއި އެމިންވަރު ހަރަދުކުރުމުން ކަރަންޓްގެ ތިންބައިކުޅަ އެއްބައި ހަރަދު ކުޑަވާނެ ކަމަށެވެ. އަދި އެއީ ދައުލަތުގެ އާމްދަނީ އާއި ޓެކްސް ނިޒާމްގެ ތެރެއިން ސަރުކާރަށް ކުރެވިދާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

" ... އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއަށް އިއާދަކުރަނިވި ހަކަތަ އުފެއްދެން އެބަ އޮތް މާލޭގައި ބޭނުންކުރާ ހަކަތައިގެ ގާތްގަނޑަކަށް 30 ޕަސެންޓާ ހަމައަށް. އެކަމަށް ބޭނުންވާ ސޯލާ ޕެނަލް ހަރުކުރެވޭނެ، ގާތްގަނޑަކަށް 70 މިލިޔަން ޑޮލަރުން. އެއީ މިހާރު ދައުލަތުގެ އާމްދަނީ އާއި ޓެކްސް ނިޒާމުގެ ތެރެއިން ކުރެވިދާނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް މަސައްކަތްކޮށް، އިއާޔަދަ ކުރަނިވި ހަކަތަ އިތުރު ކުރުން އެއީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޑަވެގެންދާނީ ރައްޔިތުންގެ ކަރަންޓް ބިލު ނޫން ކަމަށާއި ދައުލަތުން ހަރަދުކުރަން ޖެހޭ ބޭރު ފައިސާގެ އަދަދު ވެސް މަދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު އަދި ވިދާޅުވީ 2013 ވަނަ އަހަރާ ހަމައަށް ދާއިރު މާލޭގައި ބޭނުންކުރާ ހަކަތައިގެ 20 ނުވަތަ 25 ޕަސެންޓް ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

" ...އަޅުގަނޑު މިއުއްމީދުކުރަނީ، އަޅުގަނޑުމެނަށް 2013 ވަނަ އަހަރަށް ދާއިރުގައި މާލޭގައި ބޭނުންކުރާ ހަކަތައިގެ 20، 25 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދޭނެ ކަމަށް. އަދި މީގެ އިތުރުން މާލެ ސަރަހައްދުގައި ބޭނުންކުރެވޭ ކަރަންޓް އަދި ބައެއް އެހެން ޔޫޓިލިޓީތަކުން ވެސް ބޭނުންކުރާ ކަރަންޓް 2013 ވަނަ އަހަރަށް ދާއިރު ވަރަށް ބޮޑު ބައެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެވިގެން ދާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

President Nasheed (mp3)