16 Apr 2020, 15:07
ފޭކު ނަންބަރުތަކުން ގުޅައި، އެކައުންޓަކަށް ފައިސާ ޖަމާކުރުމަށާއި ކާޑުގެ މައުލޫމާތާއި ސެކިއުރިޓީ ކޯޑު އަދި ޕިން ހޯދައިގެން ވައްކަން ކުރުމަށް މަސައްކަތް ކުރަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ބޭންކް މުވައްޒަފުން ކަމަށް ބުނެ އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅައި، ބެންކުގެ މައުލޫމާތު ހޯދައި ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ބޭންކުގެ ނަމުގައި މީހުންނަށް ގުޅާ ނަންބަރެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ 7207438 ނަންބަރަކީ މަކަރުން ފައިސާ ހޯދަން ގުޅާ ނަންބަރެއް ކަމަށާއި، އެ ނަންބަރުން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުން ވަނީ ނުދަންނަ ނަންބަރުތަކުން ގުޅައި، ފައިސާގެ މުއާމަލާތްތައް ކުރަން ބުނި ނަމަވެސް އެގޮތަށް އެކަން ނުކުރުމަށް އެދިފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.
މާފުށި ޖަލުގައި އެކަން ކުރަމުން އަންނަ ކަމަށާއި، މި ފަހުން ވެސް ފްރޯޑް ކޯލް ކުރުމަށް ބޭނުންކުރި ގިނަ އަދަދެއްގެ ސިމްް ކާޑުތަކެއް ބްލޮކް ކޮށްފައިވާނެ ކަމަށެވެ.