މާލޭގެ ލޮކްޑައުންގެ މުއްދަތު އިތުރު 24 ގަޑިއިރަށް އިތުރުކުރަން އެޗްޕީއޭއިން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރުމަށް އިއްޔެ 15:30 އިން ފެށިގެން، މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ.

އިއްޔެ އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިއަދު 15:30 އަށެވެ.

އެ ވަގުތު ހަމަވާން ގާތްވެފައި ވަނިކޮށް ދާދި ދެންމެއަކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އަމުރެއްގައި ވިދާޅުވެފައި ވަނީ؛ "15 އެޕްރީލް 2020 ގައި އަންގާފައިވާ ނަމްބަރު: 2020/34 [އިއްޔެ ނެރުނު ލޮކްޑައުން އަމުރުގެ] އެންގުމުގެ މުއްދަތު 24 ގަޑިއިރަށް އިތުރު ކުރަން ނިންމާ އެކަން އަހުރެން އަންގާ" ކަމަށެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކުރުމާއެކު، ކުރިއަށް އޮތް ސައްވީސް ގަޑިއިރު މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާވާނެއެވެ.

އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓައިލުމަށާއި މާލެ ހުޅުމާލެ ވިލިމާލެ ތިލަފުށި ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުމަށް އެންގި އެންގުން ވެސް އިތުރު 24 ގަޑިއިރަށް ދެމި އޮންނާނެއެވެ.

މި ފިޔަވަޅުތަކުން އިސްތިސްނާ ވާނީ:

  • ސިފައިންނާއި ފުލުހުން

  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެމްބިއުލެންސް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތައް

އެޗްޕީއޭ އިން ބުނީ މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑަޅުއްވާ ހާއްސަ ހާލަތްތަކުގައި އެކަމަނާ އަންގަވާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ވަގުތަށާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކްގެ އެއްވެސް އެންގުމަކާ ހިލާފުވުމަކީ ކުށެކެވެ.

މާލޭ ސަރަހައްދު ލޮކްޑައުންކޮށް ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގެ ދަށުން ގިނަ ބަޔަކު ވަނީ އެކަހެރިކުރެވިފައެވެ. އަދި މާލޭގެ ބައެއް ގެތަކާއި ހުޅުމާލޭގެ ބައެއް ގެތަކާއި ސ. ހިތަދޫ ނޫމަސްވާދީ އާއި ކ. ކާށިދޫ ވަނީ ކޮމިޓަރިންގެ ހާލަތަކަށް ގެނެސްފައެވެ.

މިހާތަނަށް މާލެއިން ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.